Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ފަތުހީ މަރާލީ ކަމަށް ނުބެލެވޭ: އާއިލާ

ބަންގްލަދޭޝް މީހަކާއި ކައިވެނި ކުރަން އެގައުމަށް ގޮސް ހުއްޓާ އިއްޔެ ކުއްލި ގޮތަކަށް ނިޔާވި ސ، މަރަދޫފޭދޫ ކަލަރުމާގޭ އަބްދުﷲ ފަތުހީ މަރާލީ ކަމަށް ގަބޫލުނުކުރާކަމަށް އާއިލާއިން ބުނެފިއެވެ.

ފަތުހީގެ ދޮށީ ދަރިފުޅު މުހައްމަދު ޒަރީރު ބުނީ ބައްޕަ މަރާލީކަމަށް ގަބޫލް ނުކުރެވޭ ކަމަށާއި އަދި އެކަމުގައި އިތުރު ތަހްގީގެއް ހިންގަން ބޭނުން ނޫންކަމަށެވެ. ޒަރީރު ބުނީ ބޭނުންވަނީ ވީހާވެސް އަވަހަށް ބައްޕަގެ ހަށިގަނޑު ރާއްޖެ ގެނެވޭތޯއެވެ.

މިދިޔަ އޮކްޓޫބަރ މަހުގެ 15 ވަނަ ދުވަހު ބަންގްލަދޭޝްއަށް ދިޔަ ފަތުހީ ޓިކެޓް ނަގައިގެން ހުރީ މިއަދު ރާއްޖެ އައުމަށެވެ. ޒަރިރު ބުނީ މީގެ ދެ ދުވަސް ކުރިން ބައްޕަ އާއި ފޯނުން ގުޅުނު ކަމަށާއި އޭރުވެސް އުޅުނީ ބަލިކޮށް ކަމަށެވެ. އަދި ޑޮކްޓަރަށް ދާން އުޅޭ ވާހަކަ ބުނެފައިވާ ކަމަށެވެ.

ފަތުހީ މަރުވީ ކޮން ސަބަބަކާއި ގުޅިގެންކަން ބަންގްލަދޭޝް ފުލުހުންވެސް އަދި ހޮސްޕިޓަލުންވެސް ބުނެފައި ނުވެއެވެ.

ޒަރީރު ބުނީ އޭނާގެ ބައްޕަ ބަންގަލަދޭޝް އަށް ދިއުމަށްފަހު އެގައުމުގެ އަންހެނަކާއި ކާވެނި ކުރަން އުޅޭކަމަށް ބުނެފައިވާ ކަމަށާއި އެމީހުން ވަރަށް ހެޔޮކަމަށް ބުނެފައިވާ ކަމަށެވެ. އަދި ފަތުހީ މަރުވި ފަހުން އެއަންހެން މީހާ އާއިލާއަށް ފޯނު ކުރިކަމަށްވެސް ޒަރީރު ބުންޏެވެ.

ފަތުހީ އަކީ ވަރަށް ގިނަ ދުވަސް ވަންދެން ސ. ގަމުގައި ބޯކޮށާ ތަނެއް ހުޅުވައި ހިދްމަތްދިން މީހެކެވެ. އޭނާ އައްޑޫގައި މަޝްހޫރުވެފައިވަނީ ބޯ ކޮށާ ފަތުހީގެ ނަމުގައެވެ.