ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތާ ގުޅޭގޮތުން އޭސީސީން ތައްޔާރު ކުރި ރިޕޯޓްގައި ބުނެފައި ވަނީ އެ ފައިސާ ޖަމާކޮށްފައި ވަނީ އެސްއޯއެފް ކުންފުނިން ކަމަށެވެ
އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކުންފުންޏެކެވެ.
އޭސީސީގެ ރިޕޯޓްގައި ބުނެފައި ވަނީ، ރައީސް ޔާމީނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް އޮކްޓޯބަރު 31، 2015 ވަނަ ދުވަހު ފަސް ލައްކަ އެމެރިކާ ޑޮލަރު (7.7 މިލިއަން ރުފިޔާ) ޖަމާކުރިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އޮކްޓޯބަރު 15 ދުވަހު އަނެއްކާ ވެސް ފަސް ލައްކަ ޑޮލަރު ރައީސްގެ އެކައުންޓަށް އެ ކުންފުނިން ޖަމާކޮށްފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.
އަދި ރައީސް ޔާމީނުގެ އެކައުންޓަށް އެ ޗެކު ޖަމާކުރަން ދިޔައީ އެސްއޯއެފް ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ ކަމަށް އޭސީސީން ބުނެފައި ވެއެވެ.
އެހެން ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެން އަދި ކޮން ބޭނުމެއްގައި ޖަމާކޮށްފައިވާ ފައިސާ ކަމެއް އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެއެވެ.
އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މި މައްސަލަ އާއި ގުޅިގެން ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ވަނީ ސުވާލުކޮށްފަ އެވެ.
ނަމަވެސް، މި މައްސަލައާ ގުޅިގެން އެސްއޯއެފްގެ ކޮމްޕެނީ ސެކްރެޓަރީ އާއި އެ ކުންފުނީގެ ހިއްސާދާރުން ތަހުގީގަށް ހާޒިރުކުރުމަށް ކުރި މަސައްކަތުން އެފަރާތްތައް ހާޒިރުކުރެވިފައިނުވާ ކަމަށް ކޮމިޝަނުން ބުނެފައި ވެއެވެ.
އޭސީސީއިގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އެސްއޯއެފްގެ ކޮމްޕެނީ ސެކްރެޓަރީގެ ބަހެއް ތަހުގީގައި ހޯދިފައިނުވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންގޮސް ފުރިހަމަ ކުރެވޭނީ އެފަރާތްތައް ހާޒިރުކޮށް އެ ފަރާތްތަކުގެ ބަހެއް ހޯދައިގެން ކަން ފާހަގަކުރެވޭތީ އެފަރާތްތައް ހާޒިރުކުރެވެންދެން މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރި ފަސް ލައްކަ ޑޮލަރު އެމަނިކުފާނު އަނބުރާ ދައުލަތަށް ދެއްކެވި ކަމެއް ނުވަތަ ނޫން ކަމެއް އޭސީސީއިން ބުނެފައެއް ނުވެއެވެ.
އެސްއޯއެފް ކުންފުންޏަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތްގުޅުމެއް އޮންނަ، އަދި ހިބަޅިދޫ މައްސަލަ އާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އިންޓަޕޯލް މެދުވެރިކޮށް ހޯދަން އިއުލާނުކޮށްފައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ހިއްސާ އޮތް ކުންފުންޏެކެވެ. ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައި ވެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ރައީސް ޔާމީނަށް ވެސް ލިބިވަޑައިގެންނެވި ކަމަށް ތުހުމަތު ކުރެވޭއިރު، ރައީސް ޔާމީން ގެންދަވަނީ އެ ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ގެކޮޅަށް "ހަލާލު ނޫން ފައިސާ" ވަދެފައިވާ ކަމަށް ވަނީ އިއުތިރާފްވެވަޑައިގެންފައެވެ.