Last Updated: June 17, 06:17
Wednesday, June 17, 2026
ޚަބަރު

މެމްބަރެއްގެ ގޮނޑި ގެއްލުނުކަމަށް ގަބޫލެއް ނުކުރަން: މައުމޫން

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ނަމަވެސް އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން އިއްޔެ އަނެއްކާވެސް އިތުރު ތިން މެމްބަރެއްގެ ގޮނޑި ގެއްލުނުކަން އިއުލާން ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

މައުމޫން އިތުރަށް ވިދާޅުވެފައިވަނީ ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހައިސިއްޔަތު ގާނޫނު އަސާސީއާއި ސުޕްރީމް ކޯޓުގެ ހުކުމުގައި ވަރަށް ސާފުކޮށް ބަޔާންވެފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިންވެސް ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް ގާނޫނު އަސާސީގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ.

ބަންޑާރަ ނައިބުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ތަމްސީލު ކުރަމުންދާ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ އެމެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އޭޖީ ހުށައެޅި ގޮތަށް ވަނީ ނިމިފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހުކުމް ކުރާ ދުވަހުން ފެށިގެން މެމްބަރަކު ޕާޓީން ވަކިވެއްޖެނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ.