އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 2015 ވަނަ އަހަރުގެ ތެރޭގައި އައްޑޫއަށް ގެނައި 2 މެގަވޯޓުގެ 2 ޖަނެރޭޓަރު ކުއްލިއަކަށް މާލެ ގެންދިޔައެވެ. އުޒުރެއް ކަމުގައި އޭރު ދައްކާފައި ވަނީ "މިނިވަން50" އަށް މާލޭގައި ވަމުން ދިޔަ ތައްޔާރީތަކެވެ.
އެހެން ނަމަވެސް ފަހުން ހާމަވެގެން ދިޔަ ގޮތުގައި އެ ޖަނެރޭޓަރުތައް ގެންދިޔައީ ހުޅުމާލޭ އިންޖީނު ގެއަށެވެ. ސްޓެލްކޯ އިން ހިންގާ ހުޅުމާލެ އިންޖީނުގެ އަށް 2 ޖަނެރޭޓާރު ގެންދިޔައީ އައްޑޫއަށް އޭގެ ބަދަލުގައި 2 ޖަނެރޭޓަރު ދޭނެ ކަމުގެ ވައުދު ވުމަށް ފަހުއެވެ.
އެވައުދު ސްޓެލްކޯ އަށް ފުއްދުނީ ވެސް އޭގެ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން 2016 ވަނަ އަހަރުގެ އޮކްޓޯބަރ 13 ވަނަ ދުވަހުއެވެ.
ސްޓެލްކޯގެ ހަރަދުގައި ގަނެފައިވާ ދެ މެގަވޮޓްގެ ދެ ޖަނެރޭޓަރު އައްޑު އަށް ގެނައިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް އެ އިންޖީނުތައް އިންސްޓޯލް ކުރެވޭ ގޮތެއް ނުވެއެވެ.
ޖަނެރޭޓަރުތައް އައްޑޫއަށް ގެނައުމަށް ފަހު ފެނަކައިން ބުނެފައި ވަނީ 2 ޖަނެރޭޓަރު އިންސްޓޯލް ކުރަން ޖެހެނީ ސީ ވޯޓާ ކޫލިންގް ސިސްޓަމަކާ އެއްކޮށް ކަމަށްވާތީ އެ މަސައްކަތް ނިމުމުން ޖަނެރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް އައްޑޫގައި ފެށިގެން ދާނެ ކަމަށެވެ. އެ މަސައްކަތަށް ނަގާނެ ކަމަށް ފެނަކައިން ބުނެފައި ވަނީ 140 ދުވަހެވެ.
އެހެން ނަމަވެސް 140 ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އިންޖީނުތައް އިންސްޓޯލް ކުރެވިފައެއް ނުވެއެވެ.
މިއަހަރުގެ ޖޫން މަހުގެ ތެރޭގައި 'އައްޑޫލައިވް' އަށް ދެއްވި އިންޓަވިއުއެއްގައި ފެނަކައިގެ އެމްޑީ ޝަރީފް ވަނީ ޖުލައި މަހުގެ ތެރޭގައި 2 މެގަވޯޓުގެ 2 ޖަނެރޭޓަރު އިންސްޓޯލް ކުރެވޭނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެކަން ނުކުރެވި ޖުލައި މަސް ވެސް ނިމިގެން ދިޔައީއެވެ.
އޭގެ ފަހުން އަނެއްކާ ވެސް އެ ޖަނެރޭޓަރުތައް އިންސްޓޯލް ކުރާ ވާހަކަ ފެނަކައިން ދެއްކީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ ފެނަކަ އަށް ރުޅިވެރިކަން އަމާޒުވުމުންނެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރ ހުސައިން ހަމީޒް ވިދާޅުވެފައި ވަނޑިސްމްބަރުގެ ނިޔަލަށް 2 މެގަ ވޯޓުގެ 2 ޖަނެރޭޓަރު އިންސްޓޯލްކޮށް ނިމޭނެ ކަމަށެވެ.
ހަމީޒު އޭރު ވިދާޅުވެފައި ވަނީ ޖެނެރޭޓަރު ތައް އިންސްޓޯލް ކުރުމަށްޓަކައި ގާއިމް ކުރަން ޖެހޭ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ.
އެހެން ނަމަވެސް ހަމީޒު އެހެން ވިދާޅުވިތާ، 2 ދުވަސް ފަހުން މަޖިލީހުގެ ކޮމިޓީގައި ފެނަކައިގެ އެމްޑީ ޝަރީފް ވަނީ ޖަނެރޭޓަރުތައް އިންސްޓޯލް ކުރުން ލަސްވަނީ އތަކެތި އުފެއްދި ކުންފުނީގެ އިންޖިނިއަރުން ރާއްޖެ ނައިސްގެން ކަމަށެވެ.
ޝަރީފް ވިދާޅުވެފައިވަނީ އެ ޖަނެރޭޓަރުތައް އެއްތަނުން އަނެއްތަނަށް ގެންދެވޭނީ ވެސް އިންޖިނިއަރުން ތިބެގެން ކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެން އޮތީ މި ދެ ޖަނެރޭޓަރު އިންސްޓޯލް ކޮށްގެން ކަމަށް ފެނަކައިން ބުނަމުން ގެންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
އެކަމަކު އެ ޖަނެރޭޓަރުތައް އިންސްޓޯލް ކުރެވޭ ތަނެއް ނުފެނެއެވެ. ދެން އޮތީ ޑިސެމްބަރުގެ ނިޔަަލަށް ފެނަކަ އަށް އެ ޖަނެރޭޓަރުތައް އިންސްޓޯލް ކުރެވޭތޯ ބަލަން ތިބުމެވެ.
.