Last Updated: June 17, 06:17
Wednesday, June 17, 2026
ޚަބަރު

އިއްތިހާދުން ރިޔާސީ އިންތިޚާބަށް މަސައްކަތް ފަށައިފި

އިދިކޮޅު އިއްތިހާދުން ބޭއްވި ޕްރެސް ކޮންފަރެންސުގެ ތެރެއިން: ފޮޓޯ - ވީމީޑިޔާ

އަންނަ އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ގުޅިފައިވާ އިދިކޮޅު އިއްތިހާދުން މިހާރުއްސުރެ އެކުގައި މަސައްކަތް ފަށާފައިވާ ކަމަށް އިއްތިހާދުން އިއުލާންކޮށްފިއެވެ.

ގުޅިފައިވާ ހަތަރު ޕާޓީން މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ މަޝްވަރާތައް ރަސްމީ ގޮތެއްގައި މިހާރު ފަށާފައިވާ ކަމަށާއި ޖެހިގެން އަންނަ އަހަރު އޮންނަ އާންމު އިންތިޚާބުގައިވެސް ޕާޓީތައް އެކުގައި މަސައްކަތް ކުރުމާމެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީއާއި ޕީޕީއެމްއިން ރައީސް މައުމޫން އަދި އަދާލަތު ޕާޓީއާއި ޖުމުހޫރީ ޕާޓީން މަސައްކަތް ފަށާފައިވާއިރު އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބު އިދިކޮޅު ފަރާތްތަކުން ވަނީ ކާމިޔާބުކޮށްފައެވެ.

އިއްތިހާދުން ބުނަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުވެސް އިދިކޮޅު ފަރާތްތަކުން އެކުގައި ތިބެ ވަރަށް ފަސޭހަ ކަމާއެކު ކާމިޔާބުކުރާނެ ކަމަށެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިދިކޮޅު ފަރާތްތަކުން އިންތިގާލީ ކެންޑިޑޭޓެއްގެ ގޮތުގައި އެއް ކެންޑިޑޭޓު ނެރުމަށް ގޮވާލާފައެވެ.

ބެލެވޭ ގޮތުގައި އިއްތިހާދުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ކެންޑިޑޭޓަކު އައްޔަން ކުރުމުގެ މަސައްކަތެވެ. އިއްތިހާދުގެ ތަރުޖަމާނު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެފައިވަނީ ކެންޑިޑޭޓަކީ "މާ ސިޔާސީ" ބޭފުޅެއް ނޫން ކަމަށެވެ. ސޯޝަލް މީޑިޔާގައި އަޑު ފެތުރިފައި އޮތް ގޮތުން އިދިކޮޅުން ނެރޭ އިންތިގާލީ ކެންޑިޑޭޓަކީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގެވެ. ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ.