އައްޑޫ ސިޓީގެ މަރަދޫފޭދޫ ބޮޑުމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ދެސައިކަލު ޖެހިގެންނެވެ. މީގެ ތެރެއިން އެއް ސައިކަލުގައި ތިބީ ދެ އަންހެނުންނެވެ.
މަންޒަރު ދުށް ފަރާތަކުން "އައްޑޫލައިވް" އަށް ކިޔާދެމުން ބުނެފައިވަނީ އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލެއް އޯވާޓޭކް ކުރަނިކޮށް ޖެހިގެން ކަމަށެވެ. އަދި އެ ސައިކަލު ވަނީ ކޮންޓްރޯލް ނުވެ އެތާ ކައިރީ ޕާކުކޮށްފައި އޮތް ކާރެއްގައިވެސް ޖެހިފައެވެ.

އެކްސިޑެންޓާއި ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި އަނިޔާވި ފިރިހެން މީހާގެ ބޮލަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބެލި ޑޮކްޓަރުން މައުލޫމާތު ދޭ ކަމަށެވެ. އަދި އޭނާގެ ދަތްދޮޅިވެސް ވަނީ ބިންދައިގެން ގޮސްފައެވެ.
އަނިޔާވި ދެ އަންހެނުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްއެވެ. އޭނާގެ ފައި ބިންދައިގެން ގޮސް، އެކިވަރުގެ ގެއްލުން ލިބިފައިވާއިރު ހޮސްޕިޓަލުން މިހާރު މަސައްކަތް ކުރަމުންދަނީ ސީރިއަސްވި ދެމީހުންވެސް މާލެ ފޮނުވުމަށެވެ. މިއެކްސިޑެންޓުގައި އަނިޔާވި ތިންވަނަ އަންހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.
އެކްސިޑެންޓުވި ސައިކަލު ވަނީ މަޑުނުވެ މަގުމަތީގައި ޕާކުކޮށްފައި އޮތް ކާރެއްގައިވެސް ޖެހިފައެވެ. ސައިކަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު ކާރަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.