Last Updated: June 17, 06:17
Wednesday, June 17, 2026
ޚަބަރު

ރެއާލް ބަލިކޮށް ސްޕާސް ދުނިޔެ ހައިރާންކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އަދި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 1-3 އިން ސްޕާސް ކާމިޔާބުކޮށް ދުނިޔެ ހައިރާންކޮށްލައިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ވަނީ ޓޮޓެންހަމްއާއި އެމީހުންގެ އަމިއްލަ ދަނޑުގައި ބައްދަލުކުރި މެޗު އެއްވަރުވެފައެވެ. ރޭގެ މޮޅާއެކު ޓޮޓެންހަމްވަނީ ގްރޫޕުގެ އެއްވަނައަށް އަރާފައެވެ.

ރޭގެ މެޗުގައި ސްޕާސްއަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޑެލޭ އަލީގެ އިތުރުން ކްރިސްޓިއަން އެރިކްސަންއެވެ. އަލީ މެޗުގައި ދެ ލަނޑު ޖަހާފައިވާއިރު އެރިކްސަން ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. ރެއާލްގެ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ 80 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުންނެވެ.

މިއީ ރެއާލް މެޑްރިޑް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. ލީގުގައިވެސް ރެއާލް ވަނީ ޖިރޯނާއާ ބައްދަލުކޮށް 1-2 އިން ބަލިވެފައެވެ. ރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ރޭ ފެނިގެން ގޮސްފައިވާއިރު ކޯޗު ޒިނެދީން ޒިދާންއަށް އަންނަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.