ޔުއެފާ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ޓީމުތަކުން ރޭވެސް ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެފިއެވެ. ސްޕާސްއިން ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށްފައިވާއިރު ސިޓީ ވަނީ އިޓާލިއަން ސެރިއޭ އޭގެ އެއްވަނައިގައި އޮތް ނަޕޯލީ ބަލިކޮށްފައެވެ. އަދި ލިވަޕޫލް ވަނީ މަރިބޯގެ މައްޗަށް ކުރި ހޯދާފައެވެ.
މެންޗެސްޓާ ސިޓީއާއި ނަޕޯލީ ބައްދަލުކުރި މެޗު 4-2 އިން ކާމިޔާބުކުރީ ސިޓީއެވެ. ސިޓީން މެޗު ކާމިޔާބުކޮށްފައިވަނީ ނަޕޯލީ އެއް ގޯލު ޖަހައި ލީޑު ނަގާފައިވަނިކޮށެވެ. 21 ވަނަ މިނެޓުގައި ނަޕޯލީގެ ފުރަތަމަ ލަނޑު ޖެހީ އިންސިގްނޭއެވެ.
ސިޓީން ވަނީ މާގިނައިރުތަކެއް ނުވެ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. އޮޓަމެންޑީ ނަތީޖާ އެއްވަރުކޮށްފައިވާއިރު ލީޑު ނަގާދިނީ އަނެއްކާވެސް ޑިފެންޑަރެއް ކަމަށްވާ ސްޓޯންސްއެވެ. 69 ވަނަ މިނެޓުގައި އަގުއޭރޯ ތިން ވަނަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ 62 ވަނަ މިނެޓުގައި ނަޕޯލީއިން ޕެނަލްޓީއެއް ޖަހައި، އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްފައިވަނިކޮށެވެ. އަގުއޭރޯގެ ލަނޑަކީ އޭނާ ސިޓީއަށް ޖަހާދިން 178 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ ވަނީ ކުލަބުގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވެފައެވެ.
ސިޓީގެ ފަހު ގޯލު މެޗު ނިމެން ކައިރިވެފައިވަނިކޮށް ޖަހާފައިވަނީ ރަހީމް ސްޓާލިންގއެވެ. މިމޮޅާއެކު ގްރޫޕުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު 4 މެޗުން މޮޅުވެ 12 ޕޮއިންޓާއެކުގައެވެ.
ލިވަޕޫލް އަދި މަރިބޯ ބައްދަލުކުރި މެޗު ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 0-3 އިންނެވެ. މެޗުގެ ތިން ގޯލުވެސް ފެނިގެން ގޮސްފައިވަނީ ފަހު ހާފުގައެވެ. ފުރަތަމަ ލަނޑު މުހައްމަދު ސަލާހް ޖަހާފައިވަނިކޮށް ދެވަނަ ލަނޑު 64 ވަނަ މިނެޓުގައި ޖަހާފައިވަނީ ޗާންއެވެ. ފަހު ލަނޑު 90 ވަނަ މިނެޓުގައި ޖަހާފައިވަނީ ޑެނިއަލް ސްޓަރިޖްއެވެ. ލިވަޕޫލް އޮތީ ގްރޫޕުގެ އެއްވަނައިގައި 8 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތީ ސެވީއާ، 7 ޕޮއިންޓާއެކުގައެވެ.