ރައީސް ޔާމީންގެ ކެމްޕޭނަށް އަނބިކަނބަލުން މެޑަމް ފާތުން ރަށް ރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ބައްސަވާ ފައިސާއަކީ ހުދު ސިޓީއުރައަކަށް ލާފައި ދިނަސް ކަޅު ފައިސާ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވެފައިވަނީ މެޑަމް ފާތުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ރައީސް ޔާމީންގެ ނަންވެސް ވޯޓު ކަރުދާސް އަންނައިރު ނޯންނާނެ ކަމަށެވެ.
ކިތަންމެ ބޮޑު ބިޔަ މަހާސިންތާތައް ބޭއްވިޔަސް މިއަދު އާންމު ރައްޔިތުން ރައީސް ޔާމީނަށް ތާއީދު ނުކުރައްވާ ކަމަށާއި މަޖުބޫރު ކުރުމާއި ވަޒީފާގެ ބިރު ދައްކައިގެން ހާޒިރުކުރުމުން ލިބޭނީ ރައްޔިތުންގެ ނަފުރަތު ކަމަށް އޭނާ ވިދާޅުވިއެވެ.
"ކިތަންމެ ވަރަކަށް މަހާސިންތާތަކެއް ބޭއްވިޔަސް ނެރެވޭނެ ނަތީޖާއެއް ނެތް. މަހާސިންތާތަކުގައި އެއްކުލައިގެން ހެދުން ފަހައިގެން އޮފް އަރުވައިގެން ތިބެވިދާނެ. ވާނެހާވެސް ކަމަކީ މަހާސިންތާތަކުގައި އަތުރާފައިވާ ދޮލަގުތަކުގައި ހުންނަ ތަކެތި ހުސްވާނީ. އާޚިރުގައި ފޮއްޓަށްލާ ވޯޓް ކަރުދާސްކޮޅުގައި އެކަމަނާގެ ފިރިކަލުންގެ ނަންވެސް ނޯންނާނެ."
މީގެ އިތުރުން ސަރުކާރުގައި މެޑަމް ފާތުންގެ ނުފޫޒާއި ބާރުގަދަ ވެފައިވާ ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ލަތީފް ބުނެފައިވެއެވެ. މެޑަމް ފާތުން ބަށިބޯޅަ މުބާރާތްތަކާއި ރަށް ރަށަށް ދަތުރުކޮށް އެކަމަނާގެ ނުފޫޒުން ޖަލްސާތައް ބާއްވަމުން އަންނަ ކަމަށް ތުހުމަތުކޮށް ލަތީފް ވަނީ މިއީ ދިވެހި ތާރީޚުގައިވެސް މިފަދަ މަންޒަރެއް ފެނޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްފައެވެ.