Last Updated: June 17, 05:21
Wednesday, June 17, 2026
ޚަބަރު

ބީއެމްއެލްގެ އޭޓީއެމް ރަސީދު ދެން ޑިޖިޓަލްކޮށް

ރާއްޖޭގެ އެންމެ ބޮޑު ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިން އޭޓީއެމްތަކުގައި ބޭނުންކުރާ ރަސީދު ދޫކުރުން ހުއްޓާލައި، ފޯނަށް އަންނަ ޑިޖިޓަލް ރަސީދެއް ތައާރަފްކޮށްފި އެވެ.

ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އޭޓީއެމްތަކުން ފައިސާ ނެގުމުން އޭޓީއެމުން ޕްރިންޓުކޮށް ރިސިޕްޓް ދޫކުރުން ހުއްޓާލާނެ ކަމަށެވެ. ނަމަވެސް ޑިޕޮސިޓް ކުރުމާއި ޓްރާންސްފަ އަދި ފައިސާ ދެއްކުމުން ދޫކުރާ ރިސިޕްޓް އޭޓީއެމުން އަދިވެސް ދޫކުރާނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.

ޑިޖިޓަލް ރަސީދަށް ބީއެމްއެލްއިން ޖެހިލާފައިވަނީ ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުން ފެށި މަސައްކަތުގެ ދަށުންނެވެ. އޭޓީއެމްތަކުން ފައިސާ ނެގުމުން ޑިޖިޓަލް ރަސީދު ފޮނުވުމުން ކަރުދާސް މަދުކުރެވުމާއި ކުނި މަދުކުރުމަށް ފަހިވެގެންދާނެ ކަމަށް ބޭންކުން ދެކެއެވެ.

މިހާރުވެސް ގިނަ ކަސްޓަމަރުންނަށް އޭޓީއެމްތަކުން ފައިސާ ނެގުމުން ފޯނު މެދުވެރިކޮށް ޑިޖިޓަލް ރަސީދު ލިބެމުން އަންނަކަން ބޭންކުން ވަނީ ފާޙަގަކޮށްފައެވެ. އަދި އެޚިދުމަތް ނުލިބޭ ފަރާތްތަކުން އެޚިދުމަތަށް ފޯނު ނަމްބަރު ރަޖިސްޓާ ކުރުމަށް ބޭންކުން ވަނީ އެދިފައެވެ.

ބީއެމްއެލްގެ ޕާސަނަލް ކެއާގެ ވަރަށް ގިނަ ޚިދުމަތްތައް މިހާރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހޯދޭއިރު ކަސްޓަމަރުން ކިޔޫގައި މަޑުކޮށްގެން ތިބެ ޚިދުމަތް ހޯދާ މިންވަރު ވަރަށް ބޮޑުތަން ދަށްވެފައިވާ ކަމަށް ބޭންކުން ބުނެއެވެ.