ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގައި ފުލުހަކާ ދެކޮޅަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.
އެނގިފައިވާ ގޮތުގައި ފުލުސް މީހާ ހައްޔަރުކުރީ އޮގަސްޓު މަހުގެ ތެރޭގައެވެ. އަދި އެއީ ސަބް އިންސްޕެކްޓަރެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އަދި އޭނާ ހައްޔަރުކޮށްފައިވަނީ ރައީސް އަވަހާރަކޮށްލުމަށް ރާވައި، އަދި އެކަމަށް ހިތްވަރުލިބޭ ގޮތަށް ސޯޝަލް މީޑިޔާގައި ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައި ކަމަށްވެސް ޚަބަރު ފެތުރިފައިވެއެވެ.
ރައީސް ޔާމީން ދަތުރުކުރި ލޯންޗުކޮޅެއް "ގޮއްވައި" އެމަނިކުފާނު އަވަހާރަކޮށްލުމަށް ރޭވިކަމުގެ ތުހުމަތުގައި ސިފައިންގެ މާލޭ އޭރިޔާގެ ކޮމާންޑަރަކަށް އޭރު ހުންނެވި ކެޕްޓަން އަހުމަދު ފަޔާޒް(ޕާޕާ) ގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައި ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އޭނާގެ އިތުރުން ސިފައިންގެ އިތުރު ދެމީހުންވެސް ވަނީ އެމައްސަލާގައި ޖަލަށް ލާފައެވެ.