ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާވޫދު ހުށައަޅާފައިވާ އާ މީޑިޔާ ކޮމިޝަނުން ސަންދޯކަށް ލެވިފައި އޮތް މީޑިޔާ "ވަޅުލާނެ" ކަމަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލާއެކު މީޑިޔާތައް ސަންދޯކަށް ލައި މޮހޮރު ޖަހާފައިވާ ކަމަށާއި މީޑިޔާ ކޮމިޝަނުގެ ނަމުގައި ފާސްކުރަން އުޅޭ ބިލުން ސަންދޯއް ވަޅުލާނެ ކަމަށެވެ.
މި ބިލުގައި ވާގޮތުން ކޮމިޝަނަކީ ހަތް މެމްބަރުންގެ ކޮމިޝަނެކެވެ. ކޮމިޝަނަށް މެމްބަރުން އައްޔަން ކުރާނީ ރައީސުލްޖުމުހޫރިއްޔާއެވެ. ކޮމިޝަނުގެ ރައީސުންނާއި ނައިބު ރައީސުންވެސް ރައީސުލްޖުމުހޫރިއްޔާ އައްޔަން ކުރާއިރު މި ކޮމިޝަނުގެ މެމްބަރެއްގެ މަގާމަށް މީޑިޔާގެ މަސްއޫލުވެރިޔަކަށް ނުވަތަ އެޑިޓަރަކަށް ކުރިމަތިނުލެވޭނެއެވެ.
މީގެ އިތުރުން ހުރިހާ މީޑިޔާއަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއްވެސް ވަނީ މިބިލާއެކު އެކުލަވާލާފައެވެ. އެމިންގަނޑާއި ޚިލާފުވާ މީޑިޔާތަކުން ބޮޑު އަގުން ޖޫރިމަނާކުރާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ގިނަ ބަޔަކު ދެކޭގޮތުގައި މީޑިޔާ ކޮމިޝަނުގެ ނަމުގައި އުފައްދަން މަސައްކަތް ކުރާ ތަނުގެ މަގުސަދަކީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމެވެ. ބައެއް ފަރާތްތަކުން އަންނަނީ މިކަމުގެ ސަބަބުން "އަންޑަ ގްރައުންޑް" ވެބްސައިޓުތައް އަނެއްކާވެސް އުފެއްދުމަށް ޖާގަ ލިބޭނެ ކަމަށް ބުނަމުންނެވެ.