Last Updated: June 17, 05:21
Wednesday, June 17, 2026
ދުނިޔެ

"ނިއުޔޯކަށް ހަމަލާ ދިން މީހާއަށް މަރުގެ އަދަބު ހައްގު"

ޓެރަރިސްޓު ހަމަލާދިން 29 އަހަރުގެ -ސައިފުﷲ

އިއްޔެ އެމެރިކާގެ ނިއުޔޯކްގައި ވޭނަކުން މީހުންގެ ތެރެއަށް ވަދެ 8 މީހުން މަރާލި އުޒުބަކިސްތާނުގެ ޓެރަރިސްޓު މީހާ އަށް މަރުގެ އަދަބު ދޭން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕްގެ އަމިއްލަ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ވިދާޅުވީ އައިސިސްއަށް ތާއީދު ކުރާ މީހާ ވަނީ އޭނާ ބޭއްވި ހޮސްޕިޓަލުގެ ކޮޓަރީގައި އައިސިސްގެ ދިދަ ޖެހުމަށް ގޮވާލާފައި ކަމަށެވެ. އޭނާ ވަނީ 8 މީހުން މަރާލާފައި ކަމަށާއި މަރަށް މަރުގެ އަދަބު ދޭން ޖެހޭ ކަމަށް ޓްރަމްޕްގެ ޓުވީޓުގައި ބުނެފައިވެއެވެ.

މިހަމަލާ ދީފައި ވަނީ އުޒުބަކިސްތާނުގެ ރައްޔިތެއް ކަމަށްވާ ސައިފުﷲ ސައިޕޮވްއެވެ. އޭނާ ވަނީ ވޭނުން އާންމުގެ ގައިގައި ޖެއްސުމަށްފަހު ވޭނުން ނިކުމެފައެވެ. ފުލުހުން ވަނީ އޭނާ ނިކުތް ވަގުތު ބަޑިޖަހައި އޭނާ ޒަޚަމްކޮށްލާފައެވެ.

ހަމަލާއަށް ފަހު ސައިފުﷲ ބުނެފައިވަނީ މިހަމަލާއާ މެދު އޭނާ ވަރަށް ފަހުރުވެރިވާ ކަމަށެވެ. އަދި އޭނާ މިހަމަލާއަށް ހިތްވަރު ހޯދީ އައިސިސްގެ ލީޑަރެއްގެ ތަގުރީރުން ކަމަށް ބުނެ އައިސިސް އަށް ކުރާ ތާއީދު ސައިފުﷲ ވަނީ ހާމަކޮށްފަ އެވެ. އަދި އޭނާ ބުނެފައިވަނީ ހަމަލާ ދިނުމަށް ވޭނެއް އިހުތިޔާރު ކުރީ ބޮޑު އަނިޔާއެއް ދިނުމަށް ކަމަށެވެ.