ފެނަކަ ކޯޕަރޭޝަންގެ އަތޮޅު ތެރޭ ބްރާންޗް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސްގެ ފައިސާ ނެގޭނެ އިންތިޒާމް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ބޭންކްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ބޭންކުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ސީއީއޯ އެންޑްރޫ ހީލީއެވެ. ފެނަކައިގެ ފަރާތުން ސޮއި ކުރީ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފްއެވެ.
ބީއެމްއެލް އިން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކޭޝް އޭޖެންޓުންގެ ނެޓްވޯކް އިތުރަށް ފުޅާވެ، ރަށްރަށުގައި ހުރި ހުރިހާ ފެނަކަ އޮފީސްތަކަކުން ފައިސާ ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ފެނަކައިގެ 160 އަށްވުރެ ގިނަ ރަށްރަށުގައިވާ ފެނަކަ އޮފީސް މެދުވެރިކޮށް ފައިސާ ނެގޭނެއެވެ. މިއާއިއެކު ބޭންކުގެ ކޭޝް އެޖެންޓުންގެ ހިދްމަތް ވަރަށް ބޮޑުތަން ފުޅާވެގެންދާނެއެވެ.
ބީއެމްއެލްއިން މިހާރުވެސް 200 އަށް ވުރެ ގިނަ ކޭޝް އެޖެންޓުން އަތޮޅު ތެރޭގައި ވަނީ ގާއިމްކޮށްފައެވެ. މި އެޖެންޓުން މެދުވެރިކޮށް ބޭންކު ނުހުންނަ ރަށް ރަށުންވެސް އަސާސީ ބޭންކިން ހިދްމަތް ފޯރުކޮށްދެއެވެ.