Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ޔާމީން 2018 ގެ ކުރިން ގައުމު ދޫކޮށް ދާނެ: ރިޔާޒް

އަބްދުﷲ ރިޔާޒު، ފޮޓޯ: ރާއްޖެއެމްވީ

އިދިކޮލު ސިޔާސީ ޕާޓީ ގުޅިގެން ކެންޑިޑޭޓަކު ނެރެ އިންތިހާބް ކާމިޔާބް ކުރައްވާނެކަމަށާއި އެހާ ހިސާބަށް ރައީސް އަބްދުﷲ ޔާމީން ގައުމު ދޫކޮށް ވަޑައިގަންނަވާނެ ކަމަށް ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރ އަދި ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕާޓީތައް ގުޅިގެން ހއ. ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި ރިޔާޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ފަސޭހައިން ޔާމީން ބަލިކޮށްލެވޭނެކަމަށެވެ.

ރިޔާޒު ވިދާޅުވީ އިދިކޮޅު ލީޑަރުން ރާއްޖެވަޑައިގަންނަވާނީ ޗާޓަރު ފްލައިޓްގައި ކަމަށާއި އެދުވަސް މާ ދުރުގައި ނެތް ކަމަށެވެ.

"އަޅުގަނޑުމެން އެކުގައި ރައީސް ޔާމީން ބަލިކުރަން ނެރޭނަން ފޯމިއުލާއެއް. އެފޯމިއުލާ ނެރުނީމާ އަޅުގަނޑަށް ހީވަނީ އެމަނިކުފާނު ޤައުމު ދޫކުރައްވާ ވަޑައިގަންނަވާނެހެން. އެމަނިކުފާނަށް ޔަޤީން މިވަރުގެ ލަޝްކަރަކާއި ކުރިމަތިލާކަށް ނުކެރޭނެ. އެމަނިކުފާނު ޖެހިލުންވާތީ އަޅުގަނޑުމެންގެ ލީޑަަރުން މިފަސްގަނޑަށް އެރިޔަނުދީ ހިފަހައްޓަވަނީ. ރައީސް ޔާމީން އަދި އެއް ހިސާބު ނުޖައްސަވާ. ބައްލަވަން ހުންނަވާ ﷲގެ ރަޙުމަތް ފުޅާއިއެކު އަޅުގަނޑުމެން ޗާޓަރު ފުލައިޓެއްގައި، ރާއްޖެއިން ބޭރުގައި ތިއްބެވި ހުރިހާ ލީޑަރުން މިޤައުމަށް ގެންނާނަން

" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އިދިކޮޅު ފަރާތްތައް ގުޅިގެން ކެންޑިޑޭޓަކު ނެރޭ އިރު ރައިސް ޔާމީނަކަށް ރައްޔިތުންނާއި ކުރިމަތިލައްވަން ކެރިވަޑައި ނުގަންނަވާނެކަމަށެވެ.

އިލެކްޝަން ކަމިޝަނަށް އިޝާރާތް ކުރައްވައި ރިޔާޒު ވިދާޅުވީ މަޖްލިސްގެ ބައެއް މެމްބަރުންގެ ގޮޑި ގެއްލުވާލި މައްސަލަވެސް މާދުރު ނޫން މުސްތަގްބަލެއްގައި ބެލޭނެކަމަށެވެ. އަދި ރިޔާޒު ސިފަ ކުރެއްވީ މެމްބަރުންގެ ގޮޑި ގެއްލުވާލުމުގެ އަމަލަކީ ޖަރީމާއެއް ގޮތަށެވެ.

ދިއްދޫގައި ބޭއްވި ޖަލްސާގައި އެދާއިރާގެ މެމްބަރ އަބްދުއް ލަޠީފް މުހައްމަދު އާއި ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންގެ އިތުރުން ގިނަ ރައްޔިތުން ބައިވެރިވިއެވެ.