Last Updated: June 8, 20:18
Monday, June 8, 2026
ޚަބަރު

މުޖުތަމައު ތެރެއިން: "މިކަހަލަ މަންޒަރުތަކުން ލަދުން ބޯ ހަލާކު"

އައްޑޫއަކީ ބޮޑު އާބާދީއެއް އޮތް ބިމުގެ ގޮތުން ބޮޑު ސަރަޙައްދެއްކަމަށްވެފައި ދަތުރުފަތުރުކުރުމަށް ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދު ދުއްވަމުން އަންނަ ސަރަހައްދެކެވެ.

ތާރުއެޅި ދެ ތިން މަގެއް އޮތަސް އެ މަގުތައް އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓެއެވެ. އޭގެ ސަބަބުން އެ މަގުތަކުގައި ވެސް ފެން ބޮޑުވުމާއި ވަޅުގަނޑުތައް ހެދުމުގެ މައްސަލަ ބޮޑެވެ.

ބާކީ ހުރި ވެލިމަގުތަކުގެ ޙާލަތު ވަޒަން ކުރެވޭނީ ދަތުރުކުރާމީހަކަށެވެ. ބައެއް ފަހަރު ފަރުބަދަމަތިން ދަތުރުކުރާކަމުގެ އިޙުސާސެވެ. މަގުތަކުގެ އަޑިގުޑަންކަމާއިއެކު ވާރޭ ވެހިއްޖެނަމަ ދެން ދުއްވާ އެއްޗަކަށް ހިނގާ ބިނގާވެ އުޅޭމީހަކަށްވެސް ސަލާމަތެއްނެތެވެ.

ފޮޓޯ އިން ތިޔަފެނިވަޑައިގަންނަވަނީ، އައްޑޫ ސިޓީ ހިތަދޫގެ މަގެއްގައި އޮތް ފެންގަނޑެއްގެ ތެރެއިން ދެ ފަތުރުވެރިޔަކު ހިނގާފައި ދާ މަންޒަރެވެ.

މި ފޮޓޯ ފޭސްބުކްގައި ޝެއާކުރި މީހާ ބުނެފައިވަނީ، މިގޮތަށް މަގުތަކުގެ ހާލަތު ހުއްޓައި މި ރީތި ރަށް ބަލަން އަންނަން ފަތުރުވެރިންގެ ގާތުގައި ބުނާތީ ލަދު ގަންނަ ކަމަށެވެ.

"މިކަހަލެއި މަންޒަރަ ފެނެނެމެއި އަފިރިން ލަދުން ބޯ ހަލާކި، މިކަހަލެއި ތަންތަން މެހެން ތިބެއި ގެސްޓުން އެކެހެ ބެނަނީ މި ރިވެތި ރަށް ބަލާއް އޭއްކެން. ލަދުން ބޯހަލާކި ހަމަ"

[އައްޑޫ ބަހުރުވައިން]

އައްޑޫގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާވަމުން އަންނައިރު ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން ރަށުތެރެ ބަލަން ފެންގަނޑުތަކުގައި "ފަތާފައި" އުޅެން ޖެހޭ މަންޒަރު ބަލާކަށް އައްޑޫ ރައްޔިތުން ނޭދެއެވެ. އެކަން ފޭސްބުކްގައި ހިއްސާކުރި މި ފޮޓޯ އިން ވެސް ހާމަވެއްޖެއެވެ.

އައްޑޫގެ މަގުތައް ރަގަޅު ފެންވަރަކަށް ހަދާ ވާހަކަ މި ސަރުކާރުން ދައްކަމުން ގެންދާތާ 4 އަހަރު ވެއްޖެއެވެ. އެހެން ނަމަވެސް މިހާތަނަށް މަގުތައް ހެދުމުގެ އަމަލީ މަސައްކަތެއް ނުފެށެއެވެ.

އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި ކޮންމެ ދުވަހަކު "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.