އިންޑިއާގައި 33 އަހަރުގެ ފިރިހެނަކު އޭނާގެ ދެ ދަރިން ކުރިމަތީގައި ދޮޅު އަހަރުގެ ކުޑަކުއްޖަކު ރޭޕްކޮށްފި ކަމަށް އިންޑިއާގެ ފުލުހުން ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު މި ޢަމަލު ހިންގި ފިރިހެން މީހާ ވަނީ ބުރާސްފަތި ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ދޮޅު އަހަރުގެ ތުއްތު އަންހެން ކުއްޖާ އޭނާގެ އަވަށްޓެރިޔާގެ ގެއަށް ދިޔައީ އެމީހުންގެ ކުޑަކުދިންނާއި އެކު ކުޅެ މަޖާކޮށް ވަގުތު ހޭދަކޮށްލުމަށްޓަކައެވެ. މި މައްސަލައިގައި ހައްޔަރު ކުރެވިފައިވާ ފިރިހެން މީހާ އާއި އޭނާގެ އަނބިމީހާގެ ތިބެނީ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާއި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖެކެވެ.
މި ހާދިސާ ހިނގި ވަގުތު އަންހެން މީހާ ހުރީ ގޭގެ ޓެރަސް މަތީގައި އަވަދިނެތިއެވެ. އެވަގުތު އެ ފިރިހެން މީހާ ވަނީ އޭނާގެ އެއް ކޮޓަރީގެ އެޕާޓްމެންޓްގައި މި ޢަމަލު ހިންގާފައި ކަމަށް ފުލުހުން ބުނެއެވެ.
އެ ތުއްތު އަންހެން ކުއްޖާ އެނބުރި ގެއަށް ދިއުމުން، އެކުއްޖާގެ ލަދުވެތިގުނަވަންތަކުން ލޭ އަންނަކަން މަންމައަށް އެނގުނެއެވެ. އެއަށްފަހު އެކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުން އެނގުނީ އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމެވެ.
އެއަށްފަހު އަވަށްޓެރިއާ އާއި ދެކޮޅަށް އެކުއްޖާގެ މަންމަ ވަނީ ފުލުހުންނަށް ޝަކުވާ ކޮށްފައެވެ.
މި ހާދިސާގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ތުއްތު ކުއްޖާގެ މަންމަ އާއި ބައްޕަ ވަނީ ވަކިވެފައެވެ. އަދި މަންމަ ދިރިއުޅެމުން ދަނީ ދިއްލީގެ ކޮލޮނީއެއްގައި އޭނާގެ ބައްޕައާއި އެކުއެވެ.