Last Updated: June 29, 02:43
Sunday, June 28, 2026
ދުނިޔެ

ޗެންނާއި އަށް ބޯކޮށް ވާރޭވެހި ސްކޫލްތައް ބަންދު

2015 އަހަރަށްފަހު އެންމެ ގިނަ އަދަދަކަށް އިންޑިއާގެ ޗެންނާއި އަށް ވާރޭވެހުނު ކަމަށް ރެކޯޑް ކުރެވިފައި ވަނީ އިއްޔެ އެވެ.

މިހާރު އެ ސިޓީއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އާންމު ދިރިއުޅުން ހުއްޓުމަކަށް އައިސްފައިވާއިރު، މިއަދު ވެސް ޗެންނާއި އަށް ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ލަފާކުރެއެވެ.

މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަނީ ވަރަށް ބޮޑު ހުރަހެއް އެޅިފައެވެ. ޓެމިލް ނާޑު ސްޓޭޓްގެ ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އިން ވަނީ ޗެންނާއިގައި ދިރިއުޅޭ ރައްޔިތުން ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން މިއަދު ޗެންނާއި ގެ ހުރިހާ ސްކޫލެއް ވެސް ވަނީ ވިއްސާރައިގެ ސަބަބުން ބަންދުކޮށްފަ އެވެ.

ތިރި ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން އުސް ސަރަޙައްދުތަކަށް ބަދަލުވެ، ތަޣައްޔަރުވެފައިވާ ފެނުން ރައްކާތެރިވުމަށްޓަކައި ފައިވާނަށް އަރައިގެން އުޅުމަށް ވެސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.