ޓުވިޓާ މުވައްޒަފަކު އިއްޔެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ ޓުވިޓާ އެކައުންޓު ވަގުތީ ގޮތުން "އޮފްލައިން" ކޮށްލައިފިއެވެ.
މިކަމާ ގުޅިގެން ޓުވިޓާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެކަން ކޮށްފައިވަނީ ޓްވިޓާ ކަސްޓަމާ ކެއާގެ މުވައްޒަފެއް ކަމަށެވެ. އަދި އިއްޔެ އަކީ އޭނާ ކުންފުނީގައި މަސައްކަތްކުރާ ފަހު ދުވަސް ކަމަށް ޓުވިޓާއިން ބުނެފައިވެއެވެ. ޓުވިޓާއިން ވަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެކައުންޓު އަނބުރާ ގެނެސްފައެވެ.
އެއީ ކޮން މުވައްޒަފެއް ކަން ޓުވީޓާއިން ހާމަކޮށްފައިނުވި ނަމަވެސް އެކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ސޯޝަލް މީޑިޔާ ޕެލްޓްފޯމުން ހާމަކޮށްފައިވެއެވެ.
ޓުވިޓާ މުވައްޒަފުގެ އެންމެ ފަހު ކަމަކަށް ޓްރަމްޕުގެ "އަނގަ ބަންދުކުރުން" ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. ނަމަވެސް ބައެއް މީހުން ވަނީ މިއީ ފިނޑި އަމަލެއް ކަމަށް ސިފަކޮށް މުވައްޒަފަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
ޖެނުއަރީ މަހުގެ އެމެރިކާގެ ވެރިކަމާއި ހަވާލުވި ފަހުންވެސް ޓްރަމްޕް އަންނަނީ އޭނާގެ އަމިއްލަ ޓުވިޓާ އެކައުންޓު ބޭނުންކޮށްގެން ޓުވީޓުތައް ކުރަމުންނެވެ.