Last Updated: June 17, 05:21
Wednesday, June 17, 2026
ޚަބަރު

ސަޕޯޓަރަކަށް ހަމަލާ ދިނުމުން އެވްރާ، ދަނޑުން ބާލައިފި

ފްރާންސުގެ މާސޭއަށް ކުޅެމުން އަންނަ ކުރީގެ މެންޗެސްޓާ ޔުނައިޓެޑް އަދި ޔުވެންޓަސްގެ ޑިފެންޑަރު، ޕެޓްރީސް އެވްރާ މެޗް ނުފެށެނީސް ސަޕޯޓަރަކަށް ހަމަލާދިނުމުން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފިއެވެ.

ޔޫރޮޕާ ލީގުގައި މާސޭއާ ވިޓޯރިއާ ގުއިމަރޭސް ބައްދަލުކުރި މެޗުގެ ކުރިން ކުޅުންތެރިން ވާމްއަޕް ކުރަމުން ދަނިކޮށް މާސޭގެ ސަޕޯޓަރަކު އެވްރާއާ ދިމާލަށް ބުނި އެއްޗެއްގެ ސަބަބުން އޭނާ ވަނީ ރުޅިގަދަވެ އެ ސަޕޯޓަރުގެ ބޮލުގައި ފައިން ޖަހާފައެވެ.

އެވްރާގެ މި އަމަލުގެ ސަބަބުން ރެފްރީއަށް ވަނީ އޭނާއަށް ރަތް ކާޑު ދިނުމަށް މަޖުބޫރުވެފައެވެ. ނަމަވެސް އޭނާ ފުރަތަމަ އެގާރައިގައި ހިމަނާފައިނުވާތީ މާސޭ މެޗު ފެށީ އެގާރަ ކުޅުންތެރިންނާއެކުގައެވެ.

މެޗުން 0-1 އިން މާސޭ ބަލިވެފައިވާއިރު 86 ވަނަ މިނެޓުގައި މާސޭގެ ކަމަރާއަށްވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ.

ރޭ އެވްރާގެ ފަރާތުން ފެނިގެންދިޔަ އަމަލުތަކުގެ ސަބަބުން އޭނާ ވަނީ އެއް މެޗަށް ސަސްޕެންޑު ކޮށްފައެވެ. އަދި ޔުއެފާގެ ޑިސިޕްލިނަރީ ބޯޑުން އޭނާގެ މައްސަލަ އިތުރަށް ބެލުމަށް ބުރާސްފަތި ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

ފްރާންސުގެ ނޫސްވެރިޔަކު ބުނެފައިވަނީ އެވްރާ ރުޅިއައީ އޭނާ ފުޓުބޯޅަ ކުޅުން ހުއްޓާލައި ވީޑިއޯ ހެދުމާއިގެން ކުރިއަށް ދިއުމަށް ފެންނަ ކަމަށް ބުނުމުންނެވެ.

އެވްރާއަކީ ސޯޝަލް މީޑިޔާގައި ލަވަކިޔާ ނަށާ ވީޑިއޯތައް ދޭތެރެ ދޭތެރެއިން ޝާއިއުކުރާ މީހެކެވެ. މިމައްސަލައާ ގުޅިގެން މާސޭގެ ކޯޗު ބުނެފައިވަނީ އެވްރާއަކީ ޕްރޮފެޝަނަލް ކުޅުންތެރިޔެއް ކަމަށާއި މީހަކު އެފަދަ އެއްޗެއް ބުންޏަސް އޭނާއަށް އޭނާގެ ރުޅި ކޮންޓްރޯލް ކުރެވެން ޖެހޭނެ ކަމަށެވެ.