Last Updated: June 17, 05:21
Wednesday, June 17, 2026
ޚަބަރު

ލާދީނީ ފިކުރު ފެތުރުނަ ނުދޭން ހުށިޔާރު ވާން ޖެހޭ: މިނިސްޓަރު

ރޭގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާހަކަދައްކަވަނީ: ފޮޓޯ - މިހާރު

ދިވެހި މުޖުތަމައު ތެރޭގައި ލާދީނީ ފިކުުރާއި ހައްދުފަހަނަޅާފައިވާ ފިކުރު ފެތުރުނަ ނުދިނުމަށް ދިވެހިން ހުށިޔާރުވެ ތިބެން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރޭ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވަނީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ލާދީނީ ފިކުރާއި ހައްދުފަހަނަޅާފައިވާ ފިކުރު ފެތުރިގެން ދިއުން ކަމަށެވެ.

ދެ ފިކުރަކީވެސް ފެތުރިގެން ގޮސްފިނަމަ މުޖުތަމައުގައި އޮތް އަމާންކަން ގެއްލިގެން ދާނެ ކަމަށް ވިދާޅުވެ ހުރިހާ މުއައްސަސާއަކުންވެސް މިކަމަށް ވަރަށް ހުށިޔާރުވެ ތިބެން ޖެހޭ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވަނީ ގޮވާލާފައެވެ.

"ނަސްރުގެ ދުވަސް އަޅުގަނޑުމެން ފާހަގަ ކުރަމުން ދާއިރު މި ދިވެހި ފަސްގަނޑަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ލާދީނީ ފިކުރާއި ހައްދު ފަހަނަޅާފައިވާ ފިކުރު ފެތުރުން. ޤައުމަށް ގައްދާރުވާ ބަޔަކު އަބަދުވެސް މި ޖައްވަށް ދަނީ ނޭވާ ލަމުން."

މީގެ އިތުރުން މިނިސްޓަރުގެ ވާހަފުޅުގައި މި ދުވަސްވަރަކީ އެކިއެކި ޓެރަރިސްޓު ޖަމާއަތްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިސްޓު ހަމަލާތައް ދެމުން އަންނަ ދަނޑިވަޅަކަށް ވެފައި ދިވެހި ރާއްޖެވެސް އެފަދަ ހަމަލާއަކަށް ހުށިޔާރުވެ ތިބެން ޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.

"ދިވެހި އަސްކަރިއްޔާގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ހުޝިޔާރުކަމާއެކު އަޅުގަނޑުމެންގެ ގައުމަށް އެފަދަ ނުރައްކަލެއް މެދުވެރިވަމުންދޭތޯ ބެލުމަކީ އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަމެއް،"

ދާދި ފަހުންވެސް އެމެރިކާގެ ނިއުޔޯކުގައި އާންމުގެ ތެރެއަށް މީހަކު ވަނީ ބާރު ސްޕީޑުގައި ވޭނަކުން ވަދެ 8 މީހުން މަރާލާފައެވެ. އޭނާ ވަނީ އޭނާގެ އަމަލާމެދު ވަރަށް ފަހުރުވެރިވާ ކަމަށާއި އެކަމަށް ހިތްވަރު ހޯދީ ހަނގުރާމަވެރި ޖަމާއަތް، އައިއެސްގެ ފަރާތުން ކަމަށް ބުނެފައެވެ.

އިނގިރޭސި ވިލާތުގައިވެސް ކުޑަކުދިންގެ މިއުސިކް ޝޯއެއްގެ ތެރޭގައި ބޮން ގޮއްވައި ކުޑަކުދިންތަކެއް މަރާލާފައިވަނިކޮށް އެމެރިކާގެ ލަސް ވޭގަސްގައި ބަޑި ޖަހައި އެތައް ބަޔަކު ވަނީ މަރާލާފައެވެ.