ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމައުވެފައިވާ ކަމަށް އެމަނިކުފާނު އަމިއްލައަށް މަޖިލިސް މެމްބަރުންގެ ކައިރީގައި ވިދާޅުވިކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވެފައިވަނީ މުލީއާގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބައެއް މެމްބަރުން ބުނެފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ވިދާޅުވީ ފަސް މިލިއަން ޑޮލަރުގެ ވާހަކަ އެރޭ ދެއްކެވި ކަމަށާއި ނަމަވެސް ޖަމާކޮށްފައިވަނީ އެއް މިލިއަން ޑޮލަރު ކަމަށް މެމްބަރުން ބުނެފައިވެއެވެ.
މިއީ ރައީސް ޔާމީން ދަތުރުކުރި ލޯންޗުކޮޅު "ގޮއްވާލި" ހާދިސާއަށް ފަހުގައި ބޭއްވުނު ޖަލްސާއެއް ކަމަށް މަހޭ ބުނެފައިވެއެވެ. އަދި މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ 40 ވަރަކަށް މެމްބަރުން ތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. މަހޭ އިތުރަށް ވިދާޅުވެފައިވަނީ އޭރުވެސް އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާ ކަމަށް ބުނުމުން އެކަން ދޮގުކުރުމުގެ ބަދަލުގައި އެއީ ކިހިނެއް ލިބުނު ފައިސާއެއް ކަން ބަޔާންކޮށްދެވެން ރައީސް ޔާމީނަށް ޖެހޭނެ ކަމަށެވެ.
އެންމެ ފުރަތަމަވެސް އަޅުގަނޑުމެން އެ އެކިއުޒޭޝަންތައް އަޅުގަނޑުމެން އިދިކޮޅު ފަރާތްތަކުން ކުރީމައި، ވިދާޅުވީ ނުލިބެޔޭ ނެތޭ ދޮގެކޭ. އެހެންވީމަ މައްސަލަ ޖެހުނީ ނޫންތޯ. މިސާލަކަށް ލިބިފައި ހުރި ނަމަވެސް ލިބުނު އެއްޗެއް ލިބުނީ މިވެނި ކަމަކަށޭ އޭރު ވިދާޅުވެ އެކަން އަޅުގަނޑުމެންނަށް ޖަސްޓިފައި ކޮށްދިންނަމަ އެއްވެސް މައްސަލައެއް ނެތް. އެކަމަކު ނެތޭ ދޮގެކޭ ކިޔައިގެން ނޫންތޯ އެވާހަކަ ދެއްކެވީ،"
ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަދެފައިވާ ކަމަށް އެންމެ ފުރަތަމަ ބުނެފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދެވެ. އިނގިރޭސިވިލާތަށް އަމިއްލައަށް އެރުވިގެން ހުންނެވި އަލީ ވަހީދު ވަނީ އޭނާ ދެއްކެވި ވާހަކަ "ފަޅާއެރުމުން" މިއަދު އުފާވާ ކަމަށް ބުނެފައެވެ.
ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަދެފައިވާކަމަށް އޭސީސީ ރިޕޯޓުގައި ބުނެފައިވިނަމަވެސް މިހާރު އެ މައްސަލަ ނުބެލުމަށް ވަނީ ނިންމާފައެވެ. އަދި އެއީ ކޮން ގޮތަކަށް ވަން ލާރިތަކެއް ކަމަށް އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވާއިރު އެ ލާރި ވަނީ ބޭނުންކޮށްފައި ކަމަށްވެސް ވަނީ އަޑު ފެތުރިފައެވެ.