Last Updated: March 29, 10:36
Friday, March 29, 2024
ޚަބަރު

ޓްރަމްޕްގެ ސަރުކާރުން ނިއުކްލިއާ ހަކަތަ ޕްރޮމޯޓް ކުރަނީ

މިމަހު ބޭއްވޭ ޔުނައިޓެޑް ނޭޝަން ގްލޯބަލް ވާމިން ކޮންފަރެންސްގައި ޓްރަމްޕް އެޑްމިނިސްޓޭޝަނުން ބޯޓު ދެލިއާއި ތެޔޮ އަދި ނިއުކްލިއާ ހަކަތަ ޕްރޮމޯޓު ކުރާނެ ކަމަށް ވައިޓް ހައުސްއިން އިއުލާންކޮށްފިއެވެ.

އެގޮތުން މި ކޮންފަރެންސްގައި ފޮސިލް ފިއުލްސް އިން ކުޑަ ގައުމުތަކުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ކުރާ މަސައްކަތަށް އަލި އެޅުވުމަށް ރާވާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި "ކްލީން ކޯލް" ގެ ނަމުގައި ބޯޓުދެލިން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމާއި ބެހޭގޮތުންވެސް ވާހަކަ ދެއްކުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރެސެންޓޭޝަން ހުށައެޅުމަށް ހަމަޖެހިފައިވަނީ ޕީބޮޑީ އެނާޖީ ނަމަކަށް ކިޔާ ބޯޓު ދެލި ނަގާ ކުންފުންޏަކާއި ނިއުސްކޭލް ނަމަކަށް ކިޔާ ނިއުކްލިއާ ހަކަތައިގެ ކުންފުންޏަކާއި ޓެލޫރިއަން ނަމަކަށް ކިޔާ ނެޗުރަލް ގޭސް ވިއްކާ ކުންފުންޏެއްގެ އޮފިޝަލުންތަކެކެވެ.

ޔުނައިޓެޑް ނޭޝަންސް ގްލޯބަލް ވާމިން ކޮންފަރެންސަކީ ދުނިޔެ ހޫނުވުމާއި އޭގެ ސަބަބުން ތިމާވެއްޓަށް ދިމާވާ އެހެން ނޭދެވޭ އަސަރުތައް ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކޮށް ހެދުމަށް ބާއްވާ ކޮންފަރެންސެކެވެ.

ސައިންޓިސްޓުން ވަނީ ދުނިޔެ ހޫނުވުމާއި ބޯޓު ދެއްޔާއި ނެޗުރަލް ގޭސްފަދަ ތަކެއްޗާއި ގުޅިފައިވާކަން ހާމަކޮށްދީފައެވެ. އެހެންކަމުން އޭގެ ހައްލަކީ "ކްލީން އެނާޖީ" ނުވަތަ އިއާދަކުރެނިވި ހަކަތައަށް ބަދަލުވުމެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން އިއާދަކުރެނިވި ހަކަތައަށް އިސްކަން ދެމުން އަންނައިރު އެމެރިކާގެ ރައީސް ކަމާއި ޑޮނަލްޑް ޓްރަމްޕް ހަވާލުވިފަހުން އަނެއްކާވެސް ބޯޓުދެލި ޕްރޮމޯޓުކުރުމަށް އޭނާ ވަނީ މަސައްކަތް ފަށާފައެވެ.