Last Updated: June 17, 05:21
Wednesday, June 17, 2026
ދުނިޔެ

މެކްސިކޯ ގޭންގް ލީޑަރަކު ސިފަ ބަދަލު ކުރަނިކޮށް މަރާލައިފި

މެކްސިކޯގެ "ހުއަކިކޮލެރެސް" ނަމަކަށް ކިޔާ ގޭންގުގެ ލީޑަރު، ހެސޫސް މާޓިން އޭނާގެ ސިފަ ބަދަލުކުރުމަށް ޕްލާސްޓިކް ސާޖަރީ ހަދަމުން ދަނިކޮށް އަތުލައި، މަރާލައިފިއެވެ.

މެކްސިކޯގެ ފުލުހުން ބުނެފައިވަނީ އޭނާ މަރާލާފައިވަނީ އިދިކޮޅު ގޭންގަކުންނެވެ. އަދި "އެލް ކަލިމްބާގެ" ނަމުން މަޝްހޫރުވެފައިވާ މާޓިން މަރާލިއިރު އޭނާ އޮތީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މާޓިންއާއި އޭނާގެ ގޭންގަކީ އެގައުމުގައި ތެޔޮ ޕައިޕްލައިންތަކުން ވައްކަންކޮށް، ތެޔޮ ވިއްކައިގެން ލާރި ހޯދާ ގޭންގެއް ކަމަށް ޚަބަރު ފެތުރިފައިވެއެވެ.

އަދި ތެލުގެ ވަގު ވިޔަފާރިއަކީ މިހާރު މެކްސިކޯގައި މަސްތުވާތަކެތީގެ ވިޔަފާރިއަށްފަހު ދެން އެންމެ ބޮޑު ވިޔަފާރިއެވެ. މި ވިޔަފާރިކުރާ ފަރާތްތަކުންވެސް އެގައުމުގެ ފުލުހުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން ހޯދަމުންނެވެ.

މެކްސިކޯގެ ހުއާރޭޒް ޑްރަގް ކާޓެލްގެ ކުރީގެ ލީޑަރު އަމާޑޯ ކަރީއޯވެސް މަރުވެފައިވަނީ 1997 ވަނަ އަހަރު އޭނާ ފުލުހުންނަށް ފިލަން ޕްލާސްޓިކް ސާޖަރީ ހެދުމަށްފަހު ސިފަ ބަދަލުކޮށްގެން ދިމާވި މައްސަލަތަކުގެ ސަބަބުން ކަމަށް އަޑުފެތުރިފައިވެއެވެ.