ދިވެހި ރާއްޖެއިން ކޮރަޕްޝަން ނައްތާލައި، މުއައްސަސާތައް ވަރުގަދަ ކުރުމުން ރާއްޖެއަށް ބޭނުންވާ ހެޔޮ ބަދަލު ފެނިގެންދާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮރަޕްޝަން ނައްތާލުމުން މިގައުމު އެއްކޮށް ބަދަލުވެގެންދާނެ ކަމަށެވެ. މިއަދު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަން ކަމަށް ގިނަ ބަޔަކު އެއްބަސްވެފައިވާއިރު ގޮތް ނޭނގޭ ގޮތަކަށް ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީއިން ބުނެފައިވެއެވެ.
ނަމަވެސް އެއީ ކޮން ގޮތަކަށް ވަން ފައިސާއެއް ކަމަށް އޭސީސީއިން ހާމަކޮށްފައެއް ނުވެއެވެ. އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށާއި އޭސީސީއަށް އެފައިސާގެ ހަގީގަތް ރައްޔިތުންނަށް ބަޔާންކުރުމަށް ގޮވާލަމުންނެވެ.
އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފައިސާ ވަދެފައިވާ ކަމަށް ބުނުމުން އޭސީސީގެ ހުރިހާ ކަމެއް ނިމުނީތޯ ސުވާލުކޮށްފައެވެ. އަދި އެފައިސާ މިހާރު ކޮބާތޯ ބެލުމަށް އޭސީސީއަށް އޭނާ ވަނީ ގޮވާލާފައެވެ.
ރައީސް ޔާމީން ވަނީ މީގެ ކުރިން އެމަނިކުފާނުގެ ގެއަށް ވަދެފައިވަނީ ހަލާލުނޫން ފައިސާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމައްސަލަ އޭސީސީއިން ބަލާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.