އިންޑިއާގެ ފުރާވަރު އަންހެން ކުއްޖެގެ މައިންބަފައިން އެކުއްޖާ ރޭޕްކުރި މީހުންތައް އަތުލައިގެންފި އެވެ.
އެކުއްޖާގެ މައިންބަފައިން މި މަސައްކަތް އަމިއްލައަށް ކޮށްފައި ވަނީ ފުލުހުން އެ މައްސަލަ ތަހުޤީގު ކުރުމަށް ދެކޮޅު ހެދުމުންނެވެ.
އެކުއްޖާގެ މަންމަ އާއި ބައްޕަ އަކީ ފުލުހުންގެ ދެ އޮފިސަރުންނެވެ. އަދި އެމީހުން ބުނި ގޮތުގައި ރޭޕްގެ މައްސަލަ ރިޕޯޓް ކުރުމަށް ޕޮލިސް ސްޓޭޝަނަށް ދިއުމުން، އެތަނުގެ ފުލުސް އޮފިސަރަކު ވަނީ އެކުއްޖާ ފިލްމީ ވާހަކަތަކެއް ހަދަހަދައިގެން ދައްކަނީ ކަމަށް ބުނެ ޝަކުރާ ރަޖިސްޓްރީ ކުރުމަށް ދެކޮޅު ހެދި ކަމަށެވެ.
ގޭންގް ރޭޕްގެ މި މައްސަލަ ރަޖިސްޓްރީ ކޮށްފައި ވަނީ މި ހާދިސާގައި ޝިކާރައަކަށްވި ފުރާވަރުގެ އަންހެން ކުއްޖާގެ މައިންބަފައިން އަމިއްލަ މަސައްކަތުން ތުހުމަތު ކުރެވޭ ދެ މީހުން އަތުލައިގަނެ ފުލުސް އޮފީހަށް ހާޒިރު ކުރުމުންނެވެ.
މި މައްސަލަ އާއި ގުޅިގެން އިތުރު ދެ މީހަކު ވެސް ވަނީ މިހާރު ހައްޔަރު ކޮށްފައެވެ.
އުމުރުން 19 އަހަރުގެ އެ އަންހެން ކުއްޖާ ބުރާސްފަތި ދުވަހުގެ ހަވީރު ތަޢުލީމީ މަރުކަޒުން ގެއަށް ދިޔަ މަގުމަތީގައި ދެ ފިރިހެނަކު ވަނީ އައިސް އޭނާ އަށް ހަމަލާދީފަ އެވެ.
އެތައް ގަޑިއިރުތަކެއް ވަންދެން އެކުއްޖާ ރޭޕް ކުރުމަށްފަހު، އެމީހުން ވަނީ އެކުއްޖާ ބަނދެފައެވެ. އަދި އެއަށްފަހު އިތުރު ދެ ފިރިހެނަކު ގެނައިސް އެމީހުން ވެސް ވަނީ އެކުއްޖާ ރޭޕް ކޮށްފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިންޑިއާގެ ދެ ޕޮލިސް ސްޓޭޝަނަކުން ވަނީ މި މައްސަލަ ބަލައިގަތުމާއި ދެކޮޅު ހަދާފައެވެ. އަދި މި މައްސަލަ ރަޖިސްޓްރީ ކޮށްނުދިނުމާއި ގުޅިގެން ފުލުހުންގެ ދެ އޮފިސަރަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.