ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވުމަށް އާންމުންނަށް ފުރުސަތު ހުޅުވާލައިފިއެވެ.
މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ރޭސް މިފަހަރު ބާއްވަނީ ހުޅުމާލޭގައެވެ. ދިރާގުން ވަނީ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.
އުމުރުން 7 އަހަރާއި 45 އަހަރުގެ ކޮންމެ މީހަކަށްވެސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ދިރާގުން ބުނެފައިވަނީ ރޭހުގައި ދުވުމުގެ ފުރުސަތު ލިބޭނީ އެންމެ ފުރަތަމަ ބައިވެރިވާ ތިން ހާސް މީހުންނަށް ކަމަށެވެ.
ރޭހުގައި ބައިވެރިވުމަށް ރަޖިސްޓާ ކުރަން ޖެހެނީ ދިރާގުގެ ވެބްސައިޓު މެދުވެރިކޮށެވެ. މިފަހަރުގެ ރޭހުގައިވެސް ފަސް ކިލޯމީޓަރަށާއި 10 ކިލޯމީޓަރަށް ބައިވެރިން ދުވާނެއެވެ.
އެންމެ ފުރަތަމަ ދިރާގުން މިފަދަ ރޯޑު ރޭހެއް ބާއްވާފައިވަނީ 2007 ވަނަ އަހަރުގައެވެ. މިއީ ދިރާގު ރޯޑު ރޭހަށް 10 އަހަރު ފުރޭ އަހަރެވެ. ދިރާގުން ބުނެފައިވަނީ ރޭހުގައި ބައިވެރިވުމަށް ބައިވެރިން ބައްލަވައިގަން ޓީޝާޓުން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންގެ ހައްގުގައި ޖަމިއްޔާތަކަށް ކަމަށެވެ.