Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

"އައިފޯން 10" އާ އެކު އެޕަލްގެ ހިއްސާ މައްޗަށް

27 އޮކްޓޯބަރު ވީ ހުކުރު ދުވަހު ޕްރި-އޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލި މަޝްހޫރު އައިފޯން ސީރީސްގެ "އައިފޯން 10" ރިލީޒް ކުރުމާއެކު އެޕަލްގެ ހިއްސާތައް މައްޗަށް ގޮސްފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ތިން މަސް ދުވަސް ވަންދެން އެޕަލްގެ ފައިދާތައް ވަނީ 12% އަށް އިތުރުވެ 52.6 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.

އެޕަލްގެ 10 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ރިލީޒްކުރި މި އައިފޯނަކީ މިހާތަނަށް އެޕަލް އިން އުފައްދާފައިވާ އެންމެ އަގުބޮޑު އައިފޯނެވެ. އެގޮތުން އައިފޯން 10 ވިއްކަން ފަށާ އަގަކީ 999 ޑޮލަރެވެ.

ރިޕޯޓްތައް ބުނާގޮތުން މި ފޯން ރިލީޒް ކުރުމުގެ ސަބަބުން އެޕަލްގެ ހިއްސާތައް ވަނީ 2% އިތުރުވެފައެވެ. އަދި ވަރަށް ކައިރި މުސްތަޤްބަލެއްގައި ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަން ޑޮލަރު ކުންފުންޏަށް އެޕަލް ވެގެން ދިއުމަކީ ވަރަށް ގާތް ކަމެއް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ކޮމްޕިއުޓަރާއި އައިޕެޑްގެ އިތުރުން އައިޕޮޑް ވެސް އުފައްދާ އެޕަލް ކުންފުނީގެ މިހާރުގެ އަގަކީ ގާތްގަނޑަކަށް 900 ބިލިއަން ޑޮލަރެވެ.

މިހާރު އައިފޯން 9 އަދި އައިފޯން 10 ބާޒާރަށް ނެރެފައިވާއިރު، މި އަހަރުގެ ފަހު ތިން މަސް ދުވަސް ވެގެންދާނީ މިހާތަނަށް އެޕަލް އަށް އެންމެ ބޮޑު ފައިދާ ލިބޭ ކުއާޓާއަށް ކަމަށް ސީއީއޯ ޓިމް ކުކް ބުނެއެވެ.