Last Updated: June 29, 02:43
Sunday, June 28, 2026
ޚަބަރު

ޖަލަށް ވިހެއި ކުއްޖާ ދޫކޮށްލި އިރު އުމުރުން 11 އަހަރު

ޕާކިސްތާނަށް އުފަން އެއްބަނޑު އެއްބަފާ ދެ އަންހެނުން މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގައި 10 އަހަރު ޖަލު ޙުކުމެއް ތަންފީޒް ކުރުމަށްފަހު އިންޑިއާ ޖަލުން ދޫކޮށްލައިފި އެވެ.

ފާތިމާ ރެހްމާން އާއި އޭނާގެ ދައްތަ މުމްތާޒް އަދި މަންމަ ރާޝިދާ ހައްޔަރު ކޮށްފައި ވަނީ 2006 ވަނަ އަހަރު އެވެ. ޖަލުގައި ޙުކުމް ތަންފީޒް ކުރަމުން ދަނިކޮށް އެމީހުންގެ މަންމަ ރާޝިދާ ވަނީ މަރުވެފައެވެ.

މީގެ އިތުރުން ޖަލުގައި ހޭދަކުރި ދުވަސްތަކުގެ ތެރޭގައި ފާތިމާ ވަނީ ޖަލަށް އަންހެން ކުއްޖަކު ވިހާފައެވެ. މިހާރު އުމުރުން 11 އަހަރު ވެފައިވާ ހީނާ ވިހެއީ ވެސް އަދި އުޅެބޮޑުވީ ވެސް ޕަންޖާބްގެ އަމްރިތްސަރް ޖަލުގައެވެ. މިހާތަނަށް އަދި ދުވަހަކުވެސް ހީނާ އާއި ޕާކިސްތާނުގައިވާ އޭނާގެ އާއިލާ އާއި ބައްދަލުވެފައި ނުވެއެވެ.

މި އަހަރުގެ އޮގަސްޓް މަހު ޕާކިސްތާނުން ވަނީ ހީނާ އިންޑިއާގައި އުފަންވީ ނަމަވެސް، ޕާކިސްތާނުގެ ރައްޔިތުކަން އޭނާ އަށް ދިނުމަށް އެއްބަސްވެފަ އެވެ.

ޖަލު ސްކޫލްގައި ހީނާ ވަނީ ޕަންޖާބީ ލަވަތައް ދަސްކޮށްފައެވެ. އަދި އޭނާގެ އުންމީދަކީ އެނބުރި ޤައުމަށް ގޮސް އޭނާ ބައްޕައަށާއި އެއްބަނޑު އެއްބަފާ އެހެން ކުދިންނަށް އެ ލަވަތައް ކިޔައިދިނުމެވެ.

ހީނާ ބުނާ ގޮތުގައި އޭނާގެ މަންމަ އާއި ބޮޑުދައިތަ އަދި މާމަ އެހާ ގިނަ އަހަރުތަކެއް ޖަލުގައި ހޭދަކޮށްފައި ވަނީ ކޮންމެވެސް އެހެން މީހަކު ކުރި ކުށެއްގެ ސަބަބުން ކަމަށާއި، އެމީހުން އެންމެންނަކީ ވެސް ކުށްވެރިންނެއް ނޫން ކަމަށެވެ.

"އަހަރެން އޮފިސަރަކަށް ވެއްޖަނަމަ އެފަދަ ކުށެއް އަހަންނަށް ވެސް ކުރެވިދާނެ. އެކަމަކު އަހަރެން ޑޮކްޓަރަކަށް ވެއްޖެނަމަ، އަހަރެން ހުސް އެހެން މީހުންނަށް އެހީތެރިވާނީ – އެހެންވެ އަހަރެން ވާން ބޭނުމީ ޑޮކްޓަރަކަށް"، ހީނާ ބުންޏެވެ.

ފާތިމާ އާއި މުމްތާޒްގެ 10 އަހަރުގެ ޖަލު ޙުކުމް ނޮވެމްބަރު 2016 ގައި ނިމުނުނަމަވެސް، 400،000 ރުޕީސްގެ ޖޫރުމިނާ ނުދެއްކުމުގެ ސަބަބުން ކޯޓުން ވަނީ އެ ދެމީހުން އިތުރު ދެ އަހަރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ. އެމީހުން މިހާރު ޖަލުން ދޫކޮށްލާފައި ވަނީ ހެޔޮއެދޭ ޗެރިޓީއަކުން އެ ފައިސާގެ އަދަދު ދައްކައިދިނުމުންނެވެ.

އަހަންނަކީ ވަރަށް ފަޤީރު މީހެއް. އެހެންވެ އަހަންނަށް ޖޫރުމިނާ ނުދެއްކުނީ"، ފާތިމާގެ ފިރިމީހާ ކަމަށްވާ ގުޖަރަންވާލާ ސައިފުލް ރެހްމާން ބުންޏެވެ.

ހީނާ އާއި ފާތިމާ އަދި މުމްތާޒް ވަގަހް ބޯޑަރު މެދުވެރިކޮށް ޕާކިސްތާނަށް އެތެރެވެފައި ވަނީ ބުރާސްފަތު ދުވަހުގެ މެންދުރު ފަހުންނެވެ.