އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތްދޭ މަރުކަޒީ އިންޖީނުގެ އަށް މީގެ އަހަރެއްހާ ދުވަސް ކުރިން ގެނައި 2 މެގަވޯޓުގެ 2 ޖަނެރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ޖަޕާނުގެ އިންޖިނިއަރުންގެ އެހީތެރިކަމާއި އެކު ކުރަމުން އެބަ ގެންދެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިންޖިނިއަރުންނަކީ، 2016 ވަނަ އަހަރު އައްޑޫ އަށް ގެނައި 2 ޖަނެރޭޓަރު އުފެއްދި ޗައިނާ ކުންފުނީގެ ފަރާތުން އައި ބައެކެވެ.
ފާއިތުވި އޮކްޓޯބަރު މަހުގެ ތެރޭގައި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފެނަކައިގެ އެމްޑީ ޝަރީފް ވަނީ، ޖަނެރޭޓަރުތައް ހުރިތަނުން އެހެން ތަނަކަށް ގެންދެވޭނީ ވެސް އުފެއްދި ކުންފުނީގެ އިންޖިނިއަރުން ތިބެގެން ކަމަށް ވިދާޅުވެފައެވެ.
އައްޑޫގައި ހުންނަ ފެނަކަ ރީޖަނަލް އޮފީހުގެ އޮފިޝަލަކު ވެސް ވަނީ ޗައިނާގެ އިންޖިނިއަރުންގެ ޓީމެއް އައްޑޫ އިންޖީނުގޭގައި ހަރަކާތްތެރިވަމުން އަންނަ ކަން ކަށަވަރުކޮށްދީފައެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން އޮފިޝަލް ވިދާޅުވީ، 2 މެގަވޯޓުގެ 2 ޖަނެރޭޓަރު އިންސްޓޯލުކުރުމަށް ފަހު ޑިސެމްބަރު މަހުގެ ތެރޭގައި ކަރަންޓުގެ ޚިދުމަތް ދެވޭނެ ކަމަށެވެ.