Last Updated: June 8, 20:18
Monday, June 8, 2026
ޚަބަރު

ރައީސް ޔާމީން އައްޑު އަށް ވަޑައިގަންނަވަނީ

2016 ވަނަ އަހަރުގެ ތެރޭގައި ރައީސް ޔާމީން އައްޑޫ އަށް ވަޑައިގެން ގަން އެއާޕޯޓުގައި.

ރައީސް އަބްދުﷲ ޔާމީން އައްޑޫ ސިޓީއަށް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އޮފިޝަލަކު ވަނީ ރައީސް ޔާމީން ވަރަށް އަވަހަށް އައްޑޫ އަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އެ ދަތުރުފުޅާއި ގުޅޭ މަޝްވަރާތައް މިވަގުތު ކުރިއަށްދާ ކަމަށާއި އެހެން ނަމަވެސް އަދި ތާރީޚް ފައިނަލް ނުވާކަމަށެވެ.

މީގެ އިތުރުން އައްޑޫގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ބައެއް އިސް އެކްޓިވިސްޓުން ވެސް ރައީސްގެ ދަތުރުފުޅާއި ގުޅޭ ބައްދަލުވުމަކަށް މިހާރު މާލޭގައި ތިއްބެވިކަމަށް އޮފިޝަލް ވިދާޅުވިއެވެ.

2018ގެ އިންތިހާބުގައި ރައީސް ޔާމީން ހޮވުމަށް ޕީޕީއެމް އިން ކެމްޕެއިން ފަށާފައިވާއިރު ފަހަކަށް އައިސް ރައީސް ޔާމީން ގެންދަވަނީ އަތޮޅުތެރެއަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވަމުންނެވެ.

ރައީސް ޔާމީން އެންމެ ފަހުން އައްޑޫ އަށް ވަޑައިގެންފައި ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭރު އެމަނިކުފާނު އައްޑޫއަށް ވަޑައިގެންނެވީ މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ޝަރަފްވެރި ކޮށްދެއްވުމަށެވެ.