Last Updated: June 17, 05:21
Wednesday, June 17, 2026
ދުނިޔެ

ސައުދީ އެއާޕޯޓަކަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލައިފި

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޛްއަށް ދޭން އުޅުނު މިސައިލު ހަމަލާއެއް ނާކާމިޔާބުކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހަމަލާ އަމާޒުކޮށްފައިވަނީ ރިޔާޛްގެ ކިންގް ޚާލިދް އެއާޕޯޓަށެވެ. ނަމަވެސް ސައުދީ ސިފައިންވަނީ މިސައިލު ޓާގެޓަށް އެރުމުގެ ކުރިން ފަޒާގައި ގޮއްވާލާފައެވެ.

އެއާޕޯޓު ކައިރިއަށް މިސައިލުގެ ބައެއް ބައިތައް ވެއްޓިފައިވާއިރު އެގައުމުގެ ސިވިލް އޭވިއޭޝަނުން ބުނެފައިވަނީ މިހަމަލާގެ ސަބަބުން އެއާ ޓްރެފިކަށް އެއްވެސް ބުރުލެއް ނާރާ ކަމަށެވެ.

މިހަމަލާއަކީ ޔަމަނުގެ ހޫތީންގެ ފަރާތުން އައި ހަމަލާއެއް ކަމަށް ސައުދީގެ ނޫސް އެޖެންސީތަކުން ތުހުމަތު ކުރާއިރު ހޫތީން ވަނީ ދާދި ފަހުންވެސް ސައުދީއަށް މިސައިލެއް ފޮނުވާލާފައެވެ. އެފަހަރުވެސް ސިފައިން ވަނީ ރިޔާޛާއި 200 ކިލޯމީޓަރު ދުރުން މިސައިލު ވައްޓާލާފައެވެ.