ދިވެހި ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިޔުމުގެ މައްސަލައިގައި އިންޑިޔާ އާއި އެމެރިކާއިން މަޝްވަރާކޮށްފި ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
އެ ޤައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިޔާގެ ޚާރިޖިއްޔާގައި އޮތް މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި އަދި ޚާރިޖީ ސިޔާސާތު ގެންގުޅޭ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް އިންޑިއާ އާއި އެމެރިކާއިން ވަނީ މަޝްވަރާކޮށްފައެވެ.
"ދަހިންދޫ" ގައި ރިޕޯޓްކޮށްފައިވާ ގޮތުން އައިއެސްގެ ބާރު މިހާރު ކެނޑެމުންދާއިރު، އައިއެސްގެ ހަނގުރާމަވެރިން އަނބުރާ އެމީހުންގެ ޤައުމުތަކަށްދާން ފަށާފައިވާއިރު، އޭގެ ތެރޭގައި ހައްދުފަހަނައަޅާފައިވާ ފިކުރުގެ ދިވެހިންގެ ދުއިސައްތައެއްހާ މީހުން ހިމެނޭކަމާއިމެދު ކަންބޮޑުވާކަމަށް އިންޑިއާއާއި އެމެރިކާއިން ބުނެފައިވެއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތަކުގެ ތެރޭގައި ސިޔާސީ ހައްޔަރީންގެ މައްސަލަ އާއި ރައީސް ނަޝީދާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ކުރެވޭ ޝަރީޢަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނަގަން އުޅުނު ވޯޓު ހުއްޓުވުމަށް މަޖިލީހުގެ އިދާރާއަށް ސިފައިން ވެއްދި މައްސަލަވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި ބައިވެރިވި އެމެރިކާގެ ޑިޕްލޮމޭޓުންގެ ވެރިޔަކަށް ހުންނެވީ ލަންކާއަށާއި ރާއްޖެއަށް އެމެރިކާއިން ކަނޑައަޅާފައިވާ ސަފީރު އަތުލް ކެޝަޕްއެވެ. އެމެރިކާ ވަފުދުން ވަނީ ޗައިނާގެ ނުފޫޒު ރާއްޖޭގައި ގަދަވަމުންދާ މައްސަލައިގައި ވާހަކަ ދައްކާފައެވެ.
އެގޮތުން ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރިވާ މައްސަލައިގައި އެމެރިކާއިން ކަންބޮޑުވުން ފާޅުކުރިއެވެ. އެހެން ނަމަވެސް މިމައްސަލައިގައި އިންޑިއާގެ ކަންބޮޑުވުންތަކެއް ހުރިކަން ނުވަތަ ނޫންކަން އިންޑިއާގެ ޚާރިޖިއްޔާއިން ކަށަވަރުކޮށް ނުދޭ ކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.
އިންޑިއާއާއި އެމެރިކާއިން ރާއްޖޭގެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރުމާއި ގުޅިގެން އިންޑިއާގެ 'ދަ ހިންދޫ' ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ ހުޅަނގުގެ ޤައުމުތަކުން ރާއްޖެއާއިމެދު ގެންގުޅެނީ ތަފާތުކުރުމުގެ ސިޔާސަތެއް ކަމަށެވެ.