ގާނޫނީ ވަކީލު، މަހްފޫޒް ސައީދަށް ވަޅިން ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނިކޮށް އެމީހުން ސިއްރިއްޔާތުގައި ކޯޓުން ދޫކޮށްލާފައިވާތީ އެކަމާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މަހްފޫޒު ސައީދަށް އިންސާފު ހޯދާ ދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތައް ނުކުޅެދިފައިވާތީ އެކަމުގެ ޒިންމާ ނަގަންޖެހޭ އެންމެން ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.
މަހްފޫޒު ސައީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެ ތިން މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން އަމުރުކޮށްފައެވެ.
ނަމަވެސް އެ ތިން މީހުންވެސް ސިއްރިއްޔާތުގައި ކޯޓުން ދޫކޮށްލާފައިވާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. އެމްޑީޕީން ވަނީ މަހްފޫޒު ސައީދަށް ހަމަލާދިނީ ހާމަކަންބޮޑު ތަނެއްގައި މީހުންގެ ކުރިމަތީގައި ކަމަށާއި އެފަދަ ކުށްތައް އިތުރުވަނީ ކުށްވެރިންނަށް ފިޔަވަޅު ނޭޅޭނެކަން ޔަގީން ވާތީ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔާފައެވެ.