Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

2018 އަށް ލަފާ ކުރާ ބަޖެޓް މަޖިލީހަށް

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވައިފިއެވެ. ފިނޭންސް މިނިސްޓްރީން ބަޖެޓު ތައްޔާރުކޮށް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގައެވެ.

ނަމަވެސް އަދި މަޖިލީހުގެ ތަޅުމަށް ބަޖެޓު ފޮނުވާފައެއް ނުވެއެވެ. ދައުލަތުން މިފަހަރު ހުށައެޅި ބަޖެޓުގެ ޖުމުލަ އަދަދުވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިނިމޭ އަހަރަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވަނީ 26.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހު މަޖިލީހަށް ސަޕްލެމެންޓްރީ ބަޖެޓެއް ފޮނުވާފައެވެ. 493 މިލިއަން ރުފިޔާގެ މިބަޖެޓާއެކު މިއަހަރުގެ ދައުލަތުގެ ބަޖެޓު ވަނީ 27 ބިލިއަނަށް އަރާފައެވެ.

މިދިޔަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށައެޅުމުން ސަރުކާރުގެ ބައެއް ވުޒާރާތަކުން ވަނީ ފިނޭންސް މިނިސްޓްރީން އެވުޒާރާތަކަށް ކަނޑައަޅާފައިވަނީ އެދުނު ބަޖެޓާއި އަޅާބަލާއިރު ބޮޑުތަން ކުޑަ ބަޖެޓެއް ކަމަށް ބުނެ ޝަކުވާކޮށްފައެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާވެސް ހިމެނެއެވެ.

އަހަރު ނުނިމެނީސް ފިނޭންސް މިނިސްޓްރީން ހުށައެޅި ބަޖެޓު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އެ ބަޖެޓަކީ ސިއްހީ ދާއިރާއަށާއި ބޭއްވުމަށް ކަނޑައެޅިފައިވާ ބައި އިލެކްޝަންތަކާއި އަދިވެސް އެހެނިހެން ޚަރަދުތައް ކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގައި ނެތުމުން ހުށައެޅި ބަޖެޓެއް ކަމަށެވެ.