ސައުދީ ބިލިޔަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލްގެ ކުއްލި ހައްޔަރާއެކު ދުނިޔޣެ ހިއްސާގެ ބާޒާރަށްވެސް އޭގެ އަސަރުކޮށްފިއެވެ.
ދުނިޔޭގެ އެތައް ބޮޑެތި ކުންފުންޏެއްގެ ހިއްސާ އޮންނަ އަލް ވަލީދު ހައްޔަރުކޮށްފައިވަނީ ސައުދީގެ އާ ވަލީއުލް އަހުދު، މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވައިގެން އުފައްދާފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރި ތުހުމަތެއްގައެވެ.
އަލް ވަލީދުގެ އިތުރުން ސައުދީގެ 11 އަމީރަކު ވަނީ ކޮމިޝަނުގެ އަމުރަށް ހައްޔަރުކޮށްފައެވެ. ގިނަ ބަޔަކު ވަނީ މިއީ މުހައްމަދު ބިން ސަލްމާންގެ ބާރު ސައުދީގައި ގަދަކުރުމަށް ޖެހި "މަޅިއެއް" ކަމަށް ތުހުމަތުކޮށްފައެވެ.
ދުނިޔޭގެ ބޮޑެތި އެތައް ކުންފުންޏެއްގެ ހިއްސާ އޮންނަ ކިންގްޑަމް ހޯލްޑިންގެ އިސްވެރިޔާ، އަލް ވަލީދުގެ ހައްޔަރާއެކު ކިންގްޑަމް ހޯލްޑީންގެ ހިއްސާގެ އަގުން %9.9 ވަނީ މިއަދު ވެއްޓިފައެވެ.
ކިންގްޑަމް ހޯލްޑީންގެ ހިއްސާ އޮންނަ ބޮޑެތި ކުންފުނިތަކަށް ބަލާއިރު އެޕަލް، ޑިޒްނީ ތީމް ޕާކް، ފޯ ސީޒަންސް، ޓުވެންޓީ ފަސްޓް ސެންޗަރީ ފޮކްސް ފަދަ ބިލިއަން ޑޮލަރުގެ ކުންފުނިތައް ހިމެނެއެވެ.
އަލް ވަލީދާއެކު ސައުދީގެ އަމީރުންތަކެއް ހައްޔަރުކުރުމުން ސައުދީގެ ހިއްސާގެ ބާޒާރަށްވެސް ވަނީ އަސަރުކޮށްފައެވެ. އެގޮތުން ސައުދީގެ ހިއްސާގެ ބާޒާރުގެ އަގުތައް މިއަދު ވަނީ 1.6 އިންސައްތައަށް ވެއްޓިފައެވެ.