Last Updated: June 8, 19:10
Monday, June 8, 2026
ޚަބަރު

ވެރިކަމަކީ ވެސް މަސްތުވާ އެއްޗެއް: ރިޔާޒް

މަސްތުވަނީ ހަމައެކަނި ޑްރަގާއި ރަލަކުން ނޫން ކަމަށާއި ވެރިކަމަކީ ވެސް މަސްތުވާ އެއްޗެއް ކަމަށް ވިލިފުށީ ދާއިރާގެ މަޖިލިސް މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވި ގޮތުގައި ވެރިކަމަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ.

"މި ވެރިކަމަކީ ވަރަށް ފާޑެއްގެ އެއްޗެއް، މިއީ މަސްތުވާ އެއްޗެއް، ހަމައެކަނި މި ޑްރަގް ނޫނީ ރަލަކުން ނޫން މަސްތުވަނީ، މިވެސް މަސްތުވާ އެއްޗެއް. މިހާޜު މިއީ މި ވެގެން އުޅޭ އެއްޗަކީ، މި މަސްތުވީމަ ދެން މިވާގޮތުގަކީ އިންތިހާބަކާ ނުލައި ވެސް ބަޣާވާތެއް ކޮށްގެން ވެސް ވެރިކަން ހޯދެންޏޭ ބަޣާވާތް ކުރެވެން ދެން ކުރަންވީ،މިހާރު އެކަން މިފެންނަނީ." ރިޔާޒް ވިދާޅުވިއެވެ.

ވެރިކަމަކީ މަސްތުވާ "އެއްޗެއް" ގޮތުގައި ސިފަކުރައްވައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ، މަސްތުވީމަ ދެން ވާ ގޮތުގަކީ އިންތިހާބަކާއި ނުލައި ބަޣާވާތް ކޮށްގެން ވެސް ވެރިކަން ހޯދެންޏާ ބަޣާވާތް ކުރުން ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ފަރާތުން ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންގެ އަގު ވައްޓާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ވިދާޅުވެ ރިޔާޒު ވަނީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.