މަޝްހޫރު ޓީވީ ހޯސްޓް ކަމަށްވާ ޖިމީ ފެލަންގެ މަންމަ ގްލޯރިއާ މަރުވެއްޖެ އެވެ.
ފެލަން އާއިލާގެ ތަރުޖަމާނަކު ބުނެފައިވާ ގޮތުގައި ގްލޯރިއާ މަރުވީ ހޮނިހިރު ދުވަހު އެންވައިޔޫ ލެންގޯން މެޑިކަލް ސެންޓަރުގައި ކަމަށެވެ. އޭނާ މަރުވި ވަގުތު ޖިމީ އާއި ގާތްތިމާގެ އެހެނިހެން މީހުން ވެސް ގްލޯރިއާ ގާތު ތިބި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މިދިޔަ ހުކުރު ދުވަހު ޖިމީ ވަނީ އޭނާގެ ޓީވީ ޝޯ ކަމުގައިވާ "ދަ ޓުނައިޓް ޝޯ"ގެ ޝޫޓިން ކުއްލިގޮތަކަށް ކެންސަލް ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އެދުވަހު ޖިމީ ޝޯގެ ޝޫޓިން ކެންސަލް ކޮށްފައި ވަނީ ގްލޯރިއާ މާބޮޑަށް ބަލިވުމާއި ގުޅިގެން އޭނާ ހޮސްޕިޓަލަށް ދާން ޖެހުމުންނެވެ.
ޖިމީ އަކީ އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަ އެހާ ގިނައިން މީޑިއާ އާއި ހިއްސާކުރާ މީހެއް ނޫނެވެ. އެހެންނަމަވެސް އޭނާ ވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އޭނާގެ މަންމަ އަކީ މީގެ ކުރިން ފާދިރީއެއް ކަމަށް ބުނެފައެވެ. މީގެ އިތުރުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ޖިމީ ވަނީ އޭނާގެ މަންމަގެ ހަނދާންތައް ފޭނުންނާއި ހިއްސާކޮށްފަ އެވެ.