Last Updated: June 29, 02:00
Sunday, June 28, 2026
ޚަބަރު

"މިސް އާތު" ފިލިޕިންސްގެ ކެރެން އަށް

ފިލިޕިންސްގެ މަނީލާގެ މޯލް އޮފް އޭޝިއާ އެރީނާގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މިސް އާތު 2017، ކެރެން އިބާސްކޯ އަށް ލިބިއްޖެ އެވެ.

އެ ހަފްލާގައި ކެރެން އަށް މިސް އާތުގެ ތާޖު އަރުވާފައި ވަނީ މިދިޔަ އަހަރު އެ މުބާރާތް ކާމިޔާބު ކުރި އިކުއެޑޯގެ ކެތަރިން އެސްޕިން އެވެ. އުމުރުން 26 އަހަރުގެ ކެރެންގެ އިސްކޮޅުގައި 170 ސެންޓިމީޓަރު ހުންނައިރު، އޭނާ އަކީ ހަތަރު ބަހުން ވާހަކަ ދައްކަން ދަންނަ މީހެކެވެ.

ފިލިޕިންސް އާއި ޗައިނާ އަށް ނިސްބަތްވާ ކެރެން ވަނީ މި މުބާރާތް ހާސިލް ކުރުމަށްޓަކައި 84 ބައިވެރިންނާއި ވާދަކޮށްފަ އެވެ.

މީގެ ކުރިން ފިލިޕިންސް އަށް މިސް އާތު ލިބިފައި ވަނީ 2015 ވަނަ އަހަރު އެވެ. އެފަހަރުގެ މުބާރާތް ކާމިޔާބު ކުރީ އެންޖެލިއާ އޮންގް އެވެ.

މިސް އާތު 2017 ހޮވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިސް އެއާ 2017 އާއި މިސް ވޯޓާ 2017 ގެ އިތުރުން މިސް ފަޔަރ 2017 ވެސް ވަނީ ހޮވާފައެވެ. އެގޮތުން މިސް އެއާ 2017 ލިބިފައި ވަނީ އޮސްޓްރޭލިއާގެ ބަޔަންކާ ކްރޮންސްޓައިނާ އަށެވެ. އަދި މިސް ވޯޓާ 2017 ލިބުނީ ކޮލޮމްބިއާގެ ޖޫލިއާނާ ފްރެންކޯ އަށް ކަމުގައިވާއިރު، މިސް ފަޔަރ 2017 ލިބިފައި ވަނީ ރަޝިއާގެ ލާޑާ އަކިމޮވާ އަށެވެ.