Last Updated: June 8, 19:10
Monday, June 8, 2026
ޚަބަރު

ބޯކޮށް ވާރޭވެހި މުޅި އައްޑޫގައި ފެންބޮޑުވެއްޖެ

* ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އައްޑޫއަށް ވަނީ 117.2 މިލިލީޓަރުގެ ވާރޭ ވެހިފައި.
* ހިރާ ޕްރީ ސްކޫލްގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލާފައި.

އިއްޔެ މެންދުރު ފަހުން ފެށިގެން އައްޑޫ ސިޓީ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ޢާއްމު ދިރިއުޅުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު ހުޅުދޫ އަދި މީދޫގެ މަގުތަކުގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. މީގެ އިތުރުން ހިތަދޫ އަދި ފޭދޫގެ ބައެއް ގެތަކަށް ވެސް ފެން ވަދެ ގެއްލުން ލިބިފައިވާ ކަމަށް ވެއެވެ.

ވިއްސާރަ ވުމުގެ ސަބަބުން ހިތަދޫގައި ހިންގާ ހިރާ ޕްރީ ސްކޫލްގެ ކިޔެވުން ވެސް ވަނީ ކެންސަލްކޮށްފައެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ މުނިސިޕަލް ސަރވިސްގެ ޓީމަކުން މިހާރު ދަނީ ބައެއް ހިސާބުތަކުގައި ހަރަކާތްތެރިވަމުންނެވެ.

ސ.ގަމުގައި ހުންނަ މޯލްޑިވްސް މީޓިއޮރަލޮޖީ ސަރވިސްގެ އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އައްޑޫއަށް ވަނީ 117.2 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.

މެޓް އޮފީހުން ވަނީ މިރޭގެ 8ގެ ނިޔަލަށް އައްޑޫ ހިމެނޭ ގޮތަށް ދެކުނުގެ އަތޮޅު ތަކަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ.

އެގޮތުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.