Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

"ރައީސް އަދި މެޑަމް ނިހާނަށް އިތުބާރެއް ނުކުރައްވާ"

ނިހާން އަދި ރައީސް އަބްދުﷲ ޔާމީންގެ އިތުރުން މެޑަމް ހިމެނިވަޑައިގަންނަވާ ބައްދަލުވުމެއް، ފޮޓޯ؛މޯލްޑިވްސް ޓައިމްސް

ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާންގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކަށް އެއްވެސް އިތުބާރެއް ނުކުރައްވާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދު ލަޠީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ "ފަލަ ސުުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ލަޠީފް ވިދާޅުވީ ނިހާން ކިތަންމެ ވަރަކަށް ރައީސް ޔާމީނަށް ތާއިދު ކުރައްވާކަން ޕޯޑިއަމް ތަކުގައި ދެއްކި ނަމަވެސް ރައީސް އަދި މެޑަމް އިތުބާރެއް ނުކުރައްވާކަމަށެވެ.

ލަޠީފް ވިދާޅުވީ މަޖްލިސް މެމްބަރުންގެ ތެރެއިން ގިނަ ބޭފުޅުންނަށް ރައީސް އިތުބާރު ނުކުރައްވާ އިރު އެމަނިކުފާން އިތުބާރު ކުރައްވަނީ ވަރަށް މަދު ބޭފުޅުން ކޮޅަކަށް ކަމަށެވެ.

"އަހުމަދު ނިހާނު ހުސައިން މަނިކަށް ރައީސް ޔާމީން އިތުބާރެއް ނުކުރައްވާނެ. އެއީ 100 ޕަސެންޓް ޔަގީން ކަމެއް. ދެން ނިހާނު ދޭތެރެ ދޭތެރެއިން ރައީސްއާއި މެޑަމްއަށް ތައުރީފު ކުރައްވަނީ. އެކަން އެގޮތަށް ހާމަކުރަނީ އިތުބާރު ނެތީމަ، އާންމުންނަށް އެހެން ގޮތަކަށް އެމަންޒަރު ދެއްކުމައްޓަކައި،"

ލަތީފު ވިދާޅުވި އެވެ.

ލަޠީފް ވިދާޅުވީ މަޖްލިސްގެ މަސައްކަތްތަކުންވެސް ނިހާން ވަރަށް ބޮޑަށް ބާކީ ކުރައްވާފައިވާ ކަމަށެވެ. އަދި ތަކުރާރުކޮށް ލަޠީފް ވިދާޅުވީ 2018 ވަނަ އަހަރުގެ އިންތިހާބްގައި ރައީސް ޔާމީން ވާދަ ނުކުރައްވާނެކަމަށެވެ.

ލަޠީފް މިފަދައިން ވިދާޅުވިއިރު މިފަހަކަށް އައިސް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރުން ތިއްބަވާ ވައިބަރ ގްރޫޕްތަކުގައި ދެކެވޭ ވާހަކަތައް ދަނީ ލީކް ވަމުންނެވެ. މިގޮތަށް ލީކްވާ ލިއުންތަކުންވެސް އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރު ނުކުރާކަމާއި ވަކި އެއްޗެއް ދައްކަން އުޅޭކަން ފެނެއެވެ.