އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި މެން ޔުނައިޓެޑު ބައްދަލުކުރި ފޯރިގަދަ މެޗު 0-1 އިން ކާމިޔާބުކޮށް ޗެލްސީ އަނެއްކާވެސް ޔުނައިޓެޑަށް ސްޓެމްފޮޑް ބްރިޖްގައި ފެންވަރު ދައްކާލައިފިއެވެ.
މިއީ މޮރީނިއޯ ޔުނައިޓެޑުގެ މެނޭޖަރު ކަމާއި ހަވާލުވިފަހުން ބްރިޖަށް ދަތުރުކުރި ތިންވަނަ ފަހަރެވެ. މިދިޔަ ސީޒަނުގައި މިދެޓީމު ޗެލްސީ ދަނޑުގައި ކުޅުނު މެޗު ޗެލްސީ ކާމިޔާބުކުރީ 0-4 އިންނެވެ. އަދި ސީޒަނުގެ ފަހުކޮޅު އެފްއޭ ކަޕުގައި ބައްދަލުކޮށްވެސް ޗެލްސީ ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ބޮޑަށް ބޯޅަ ހިފަހައްޓައި، ހަމަލާތައް އުފައްދާފައިވަނީ ޗެލްސީންނެވެ. މެޗު ފެށިގެން މާގިނައިރުތަކެއް ނުވެ ޗެލްސީން ޔުނައިޓެޑު އޭރިޔާ ތެރެއަށް ނަގާދިން ބޯޅައެއް ޔުނައިޓެޑުގެ ޖޯންސް އަތުން ވަނީ ބައިކޮޅަށް ވަދެފައެވެ. ނަމަވެސް ރެފްރީ ވަނީ އޭގެ ކުރިން މޮރާޓާ އޭނާއަށް ފައުލް ކުރި ކަމަށް ނިންމައި ގޯލު ނުގުނުމަށް ނިންމާފައެވެ.
ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމިގެން ގޮސްފައިވާއިރު ޗެލްސީން ވަނީ ދެވަނަ ހާފު އިތުރަށް ރަނގަޅުކޮށްފައެވެ. ޔުނައިޓެޑުގެ ގޯލަށް ހަމަލާތައް ފޮނުވަމުންދިޔަ ނަމަވެސް ކީޕަރު ޑެހެއާ ވަނީ ހުށިޔާރު ކަމާއެކު ހަމަލާތައް މަތަކޮށްފައެވެ.
ނަމަވެސް އޭރިޔާ ތެރެއިން މޮރާޓާ ފޮނުވާލި ބާރު ބޯޅަ ގޯލުގެ ކަނަށް ވަދެގެންދިޔައިރު ޑެހެއާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. މެޗުގެ 56 ވަނަ މިނެޓުގައި ޗެލްސީން ލީޑު ނެގުމަށްފަހު ވަނީ ހަމަޖެހިލާފައެވެ. މެދުތެރޭގައި ބޯޅަ ހިފަހައްޓައި ޔުނައިޓެޑަށް ކުޅެވުނަ ނުދިނުމަށް ކޮންޓޭގެ ޓީމުން ވަނީ މަސައްކަތް ކޮށްފައެވެ.
މެޗުގެ ފަހުކޮޅު ފެލައިނީ ކުޅެން ނެރުމަށްފަހު އޭރިޔާ ތެރެއަށް ބޮޑު ބޯޅަ ލައިގެން ލަނޑެއް ޖެހުމަށް ޔުނައިޓެޑު ކުރި މަސައްކަތްވެސް ރޭގައި ވަނީ ނާކާމިޔާބުވެފައެވެ. އޭރިޔާ ތެރެއިން ފެލައިނީ ޖެހި ބޯޅަ ޗެލްސީ ޑިފެންޑަރެއްގެ ގައިގައި ޖެހުމަށްފަހު ގޯލަށް ވަންނަން ދަނިކޮށް ކީޕަރު ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މިރޭގެ މެޗުން ބަލިވުމާއެކު ޔުނައިޓެޑަށް ވަނީ ސިޓީގެ ފަހަތުގައި އަށް ޕޮއިންޓުގެ ފަރަގެއް އުފެދިފައެވެ. މޮރީނިއޯ ބުނެފައިވަނީ މުހިންމު ކުޅުންތެރިންނާ ނުލާ ކުޅެން ޖެހުމުން ފާއިތުވެދިޔަ ދުވަސްތަކަކީ އޭނާއަށް ދަތި ދުވަސްތަކެއް ކަމަށެވެ.