އެމެރިކާގެ ނަސާރީ ދީނުގެ ފައްޅިއަކަށް ބަޑިން ހަމަލާދީ، 26 މީހަކު މަރާލައި 20 މީހަކު ޒަޚަމްކޮށްލާފައިވަނީ އެގައުމުގެ އެއާ ފޯސްގެ ކުރީގެ މެމްބަރެއް ކަމަށް ސީއެންއެންއިން ބުނެފިއެވެ.
ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހަމަލާ ދީފައިވަނީ 26 އަހަރުގެ ޑެވިން ޕެޓްރިކް ކެލީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ އެއާ ފޯސް އިން ވަކިކޮށްފައިވަނީ 2014 ވަނަ އަހަރުގައި އަހުލާގީ ފެންވަރު ދަށްވުމުގެ ސަބަބުން ކަމަށްވެސް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.
އޭގެ ކުރިން، 2012 ވަނަ އަހަރު އޭނާ ވަނީ އަންހެނުންނަށާއި ދަރިފުޅަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ކޯޓަށް ހާޒިރުކޮށް އެއް އަހަރަށް ޖަލަށްވެސް ލާފައެވެ.
އާދީއްތަ ދުވަހު ޓެކްސަސްގެ ސަތަލެންޑުގެ ފައްޅިއަކަށް އޭނާ ހަމަލާދީފައިވަނީ ސެމީ އޮޓޮމެޓިކް ރައިފަލްއަކުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާ ވަނީ ފައްޅީގެ ބޭރުގައި ތިބި މީހުންގެ ގަޔަށް ބަޑި ޖެހުމަށްފަހު އެތެރެއަށް ވަދެ އެތެރޭގައި ތިބި މީހުންގެ ގަޔަށްވެސް ބަޑި ޖަހާފައެވެ.
އޭނާ ހުއްޓުވާފައިވަނީ އެތެރޭގައި ހުރި އާންމު ރައްޔިތަކު، އޭނާގެ އަމިއްލަ ހަތިޔާރުންނެވެ. ކެލީގެ ގަޔަށް ބަޑި ޖެހުމާއެކު އޭނާވަނީ ހަތިޔާރު ވައްޓާލުމަށްފަހު ކާރަށް އަރައި އެސަރަހައްދު ދޫކޮށް ގޮސްފައެވެ.
އޭނާ ފެނިފައިވަނީ ކާރު ތެރޭގައި މަރުވެފައި ވަނިކޮށެވެ. މިހާދިސާގައި 26 މީހަކު މަރާލާފައިވާއިރު ޒަޚަމްވި މީހުންގެ ތެރޭގައި 5 އަހަރާއި 72 އަހަރުގެ މީހުން ހިމެނެއެވެ. މަރުވި މީހުންގެ ތެރޭގައި އެ ފާދިރީއެއްގެ 14 އަހަރުގެ އަންހެން ދަރިފުޅުވެސް ހިމެނެއެވެ.