Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

ސާނަވީ ތައުލީމު ފެށޭނީ ގުރޭޑް 9 އިން

އަންނަ އަހަރުން ފެށިގެން ސާނަވީ ތައުލީމު ފެށޭ ގުރޭޑަކަށް ގުރޭޑު 9 ހަމަޖައްސައިފިއެވެ.

މިއީ މަތީ ގުރޭޑުތައް ގައުމީ މަންހަޖަށް ބަދަލުކުރުމުން ގެނައި ބަދަލެކެވެ. ކުރިން ގުރޭޑު އަށަކީ ސާނަވީ ތައުލީމުގެ ފެށޭ ގުރޭޑު ނަމަވެސް އާ މަންހަޖުގެ ދަށުން ގުރޭޑު އަށެއް ވަނީ ކީ ސްޓޭޖަކަށް ހަދާފައެވެ. އަދި މިގުރޭޑުގައި ކިޔަވައިދޭއިރު ދަރިވަރުން ކިޔަވާނީ ބިޒްނަސް، ސައެންސް އަދި އާޓްސް، މި ތިން ސްޓްރީމް އެއްކޮށްލައިގެންނެވެ.

ކުރިން ގުރޭޑު އަށެއްގައި ދަރިވަރުން ކިޔަވަން ބޭނުންވާ ސްޓްރީމް ކަނޑައެޅި ނަމަވެސް އާ މަންހަޖުގެ ދަށުން ގުރޭޑު އަށެއްގައި ތިން ސްޓްރީމަށްވެސް ކިޔެވުމަށްފަހު ދަރިވަރުން ކިޔަވަން ބޭނުންވާ ސްޓްރީމް ޚިޔާރު ކުރަން ޖެހޭނީ ގުރޭޑު ނުވައެއްގައެވެ.

މީގެ ސަބަބުން ދަރިވަރުން ކުރިއަށް ދިއުމަށް ބޭނުން ދާއިރާ ދަނެގަތުމަށް ފަސޭހަ ވެގެންދާނެއެވެ. އާ މަންހަޖުގެ ދަށުން ފަސް ސްޓޭޖަކަށް ސްކޫލް ތައުލީމު ވަނީ ބަހާލެވިފައެވެ. އޭގެ ތެރޭގައި ގުރޭޑު އެކަކުން ތިނަކަށް ކިޔަވަނީ ކީ ސްޓޭޖު އެކެއްގައެވެ.

އަދި ގުރޭޑު 4-6 އަށް ކީ ސްޓޭޖު ދޭއްގައި ކިޔެވުމަށްފަހު ކީ ސްޓޭޖު ތިނެއްގައި ދަރިވަރުން ކިޔަވާނީ ގުރޭޑު ހަތެއް އަދި އަށެއްގައެވެ. ކީ ސްޓޭޖު ހަތަރަކީ ގުރޭޑު 9 އަދި 10 އެވެ.

އާ މަންހަޖަށް އަމަލު ކުރަން ފެށުމުން ގުރޭޑު ހަތެއްގައި ދެވޭ ޓާމް ޓެސްޓަށްވުރެ ބޮޑަށް ދަރިވަރުން އެސެސް ކުރެވޭނީ ކުލާހުގައި ހަދާ ފިލާވަޅުތަކާއި ޕްރޮޖެކްޓު ތަކުންނެވެ. ގުރޭޑު އަށެއްގައިވެސް އަންނަ އަހަރުން ފެށިގެން މިގޮތަށް އަމަލު ކުރެވެމުންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.