Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

ވަކީލަކު ހޯދޭނެކަން ނޭންގުމުން ޑްރަގްގެ ދައުވާއެއް ބާތިލު!

މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޑައިފޯމިން ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކަށް ކޮށްފައިވާ ދައުވާ ނ. އަތޮޅު މެޖިސްޓްރޭޓު ކޯޓުން ބާތިލުކޮށްފި އެވެ.

ކޯޓުން މި މައްސަލަ ބާތިލުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތު ގާނޫނާއި ޚިލާފަށް ފުލުހުން އެމީހާ ހައްޔަރުކުރުމުގެ ސަބަބުންނެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 44 ވަނަ މާއްދާގައި ހައްޔަރުކުރާ މީހަކަށް ގާނޫނީ ވަކީލަކު ހަމަޖެއްސުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ދައުލަތުގެ ޚަރަދުގައި އޭނާއަށް ވަކީލަކު ހަމަޖައްސައިދެވޭނެ ކަން އަންގަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެނގިފައިވާ ގޮތުގައި ޑައިފޯމިން ޓްރެފިކް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހާ ހައްޔަރުކުރިއިރު އޭނާއަށް ކިޔާ ދީފައިވަނީ ހަމައެކަނި ގާނޫނީ ވަކީލަކު އައްޔަން ކުރުމުގެ ހައްގު ލިބިފައި އޮތް ވާހަކަ އެކަންޏެވެ.

ގިނާއީ އިޖުރާއަތު ގާނޫނުގެ 44 ވަނަ މާއްދާގައި ވަރަށް ސަރީހަކޮށް ހައްޔަރު ކުރެވޭ މީހާއަށް ގާނޫނީ އިންޒާރުގެ ގޮތުގައި ހަ ކަމެއް އަންގައިދިނުމަށް ބަޔާންކޮށްފައިވެއެވެ.

އެއީ:

  • އޭނާ ހައްޔަރުކުރެވޭ ކަމާއި، ހައްޔަރުކުރެވެނީ ކޮން ގާނުނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެން ކަން.
  • އޭނާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން.
  • ސުވާލަކަށް ޖަވާބު ނުދިނުމަކީ އޭނާގެ ހައްގެއް ކަން، އެހެންނަމަވެސް ސުވާލަށް ޖަވާބުދިނުން އެދެވިގެންވާކަން.
  • ސުވާލަށްދޭ ޖަވާބަކީ އޭނާއާ ދެކޮޅަށް ކޯޓުގައި ބޭނުންކުރެވިދާނެ އެއްޗެއް ކަން.
  • އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގެންވާނެކަން.
  • އޭނާއަކީ ގާނޫނީ ވަކީލަކު ހަމަޖެއްސޭވަރުގެ މާލީ ތަނަވަސްކަމެއް ނެތް މީހެއް ކަމުގައިވާނަމަ، އަދި އޭނާއާމެދު ތުހުމަތު ކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ، ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން.