ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ނިންމައި އެކަމަށް ކުރަމުންދާ ހަރަދުތަކަކީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް ބޮޑު ކަރަޕްޝަނެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒެއިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ހަތަރު އަހަރު ފުރޭ ޖަލްސާއަށް ކާނިވާ ސަރަހައްދުގެ ސްޓޭޖް ކޮންސެޕްޓް ޑިޒައިން ހެދުމާއި ލައިޓިން އަދި ލެޑް ސްކްރީން ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން ވަނީ އިއްލާންކޮށްފައެވެ.
ރޮޒޭ ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ޕީޕީއެމް އާއި ޔާމީން ޕްރޮމޯޓް ކުރައްވަން ހަރަދު ނުކުރެވޭނެކަމަށެވެ. އަދި އެއީ ބޮޑު ކަރަޕްޝަން އަމަލެއް ކަމަށް ރޮޒޭ ވިދާޅުވިއެވެ.
Mee seedha corruption. Rayyithunge faisa in rayyithunnah evves faidha eh neiy kamegga PPM aa Yameen promote kuran haradhu kuravvany. pic.twitter.com/8oFnz6mgmg
— MP Rozaina Adam? (@Roxeyna) November 6, 2017
މިސަރުކާރުން ހިންގާ މިފަދަ ކަންކަމުގެ މައްސަލަ އެންޓި ކަރަޕްޝަން ކަމިޝަނަށް ހުށަހެޅި ނަމަވެސް އެއިން މައްސަލައެއް ބެލި ނުވަތަ ފިޔަވަޅެއް އެޅިފައިނުވެއެވެ. އަދި މައްސަލަ ނިމިގެން ދަނީ އެކަމެއްގައި ކަރަޕްޝަން ނުހިމެނޭ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތާއިދު އޮތްކަން ދައްކަން ބާއްވާ މިފަދަ ގިނަ ހަރަކާތްތަކަށް ސަރުކާރު ކުންފުނި ތަކުގެ މުވައްޒަފުންނާއި ސިވިލް ސާވިސް މުވައްޒަފުން ގެންދަނީ ބިރު ދައްކައިގެން ކަމަށް އަބަދުވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.