Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

އިންތިގާލީ ކެންޑިޑޭޓްގެ މައްސަލާގައި ޚިޔާލު ތަފާތުވެއްޖެ؟

ރައީސް މައުމޫން އަދި ރައީސް މުހައްމަދު ނަޝީދު

އިދިކޮޅު ފަރާތްތަކުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނެރެން އުޅެނީ އިންތިގާލީ އެއް ކެންޑިޑޭޓަކު ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށް ރައީސް މައުމޫން އެއާ ދެކޮޅު ބަހެއް ވިދާޅުވެއްޖެއެވެ.

ރޭ މ. ކުނޫޒް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން މައުމޫން ޖަވާބުދެއްވަމުން ވިދާޅުވެފައިވަނީ އަދި އެކަމާއި(ކެންޑިޑޭޓަކު ހޮވުމާ) މެދު ނުވިސްނާ ކަމަށެވެ. މައުމޫން އިތުރަށް ވިދާޅުވެފައިވަނީ އަދި އެކަމާއި ވިސްނަން މާ އަވަސް ކަމަށާއި ފުރަތަމަ ވިސްނަމުން ދަނީ މިހާރު ކުރަން ޖެހޭ ކަންތައް ނިންމުމަށް ކަމަށެވެ.

މައުމޫން މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ މުޚާތަބުކޮށް ފޮނުވި މެސެޖުގައި އިދިކޮޅު ނެރޭނީ އިންތިގާލީ ކެންޑިޑޭޓެއްގެ ގޮތުގައި އެއް ކެންޑިޑޭޓަކު ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ނަޝީދު ވިދާޅުވެފައިވަނީ ގެންނަން ވަނީ އިންތިގާލީ ސަރުކާރެއް ކަމަށާއި ވެރިކަން ބަދަލުވުމުން ވާދަވެރި ޕްރައިމަރީއެއްގައި ބޭނުން ކެންޑިޑޭޓަކަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ނަމަވެސް މައުމޫން މިކަމާއި ގުޅޭ ގޮތުން މިފަދަ ބަހެއް ބުނުމުން އާންމުންގެ ތެރޭގައި ވަނީ ސުވާލުތައް އުފެދިފައެވެ. ބައެއް މީހުން ކުރަމުން އަންނަ ސުވާލަކީ ނަޝީދު އެގޮތަށް ނިންމާފައިވަނީ މައުމޫނާއި އިދިކޮޅު އިއްތިހާދުގައި ހިމެނޭ އެހެން ޕާޓީތަކާ މަޝްވަރާ ނުކޮށްތޯއެވެ. ނުވަތަ ނަޝީދުގެ ޚިޔާލަށް މައުމޫން އެއްބަސް ނުވީތޯވެސް ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

އިންތިގާލީ ކެންޑިޑޭޓުގެ ވާހަކަ ނަޝީދު ދެއްކުމުން ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު، ޝިފާގު މުފީދު(ހިސްޓޯ) ވަނީ އެހިސާބުން އިއްތިހާދު ބައިބައިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. ހިސްޓޯ ބުނެފައިވަނީ ދެން ފެންނާނީ އިއްތިހާދު ބައިބައިވެ، އެކަކު އަނެކަކާ ދެކޮޅަށް ނިކުންނަ ތަން ކަމަށެވެ.