ހދ ކުޅުދުއްފުށީގައި މިސަރުކާރުން އެޅުމަށް ތައްޔާރުވަމުން އަންނަ އެއާޕޯޓަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޓުވިޓާ މެދުވެރިކޮށް އަލީގެ އިހުސާސްތައް ބަންޑުންކޮށްލަމުން ވިދާޅުވެފައި ވަނީ ދެ އެއާޕޯޓުގެ ދިރުން ކަފުން ނުކޮށް ވަޅުލުމަކީ ކެހިވެރި އިކޮނޮމިކްސް ކަމަށެވެ. ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓު އަޅާތީ އެކަމަށް ވެސް އަލީ ހުސެއިން ވަނީ ފާޑުވިދާޅުވެފަ އެވެ.
"ގުދުރަތުގެ ރީތި ކުޅިއެއް މަރާލާފަ އެއާޕޯޓެއް އަޅައިގެން، ދެ އެއާޕޯޓުގެ އިގްތިސޯދީ ދިރުން ކަފުން ނުކޮށް ވަޅުލުމަކީ ކެހިވެރި އިކޮނޮމިކްސް"
ކުޅުދުއްފުށީގެ ކުޅިން 9 ވަރަކަށް ހެކްޓަރު ހިއްކުމަށްފަހު އެއާޕޯޓު އެޅުމަށް ތައްޔާރުވަމުން އަންނައިރު އެ ކުޅީގައި ހިމެނޭ ދިރޭތަކެތި އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އަދި ދިރޭ ތަކެތީގެ ބަދަލުގައި ޕްލާސްޓިކް ތަކެތިވެސް އެތަނުގައި ބަހައްޓާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ވަނީ އަޑުފެތުރިފައެވެ. ތިމާވެށި ހިމާޔަތް ކުރާ ފަރާތްތަކުން އަންނަނީ ކުޅި ހިއްކުމުގެ ބަދަލުގައި ރަށުގެ އެހެން ތަނެއްގައި އެއާޕޯޓު އެޅުމަށް ގޮވާލަމުންނެވެ.
ކުޅުދުއްފުއްޓާއި ކައިރީގައި އޮތް ހަނިމާދޫގައި މިހާރުވެސް އެއާޕޯޓެއް އޮންނައިރު ކުޅުދުއްފުށިން ހަނިމާދޫއަށް 20 މިނެޓުން ދެވެއެވެ. ނަމަވެސް ކުޅުދުއްފުށީގެ ގިނަ ރައްޔިތުން ބޭނުންވަނީ ގުދުރަތީ ކުޅިއަކަށްވުރެ ތަރައްގީ ބޮޑެތި ޖާޑީގައި ގެނެސްދޭ އެއާޕޯޓެއް ކަން ފާހަގަކޮށްލެވެއެވެ.