އ.އ އުކުޅަހު އިންޖީނުގޭގައި ރޯވެ މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.
އެނގިފައިވާ ގޮތުގައި މި އަލިފާންގަނޑު ރޯވެފައިވަނީ މިއަދު ހެނުނު 11 ޖަހަނިކޮށެވެ. ފުލުހުން ބުނެފައިވަނީ ފުލުހުންނަށް ރޯވުމުގެ ޚަބަރު ލިބިފައިވަނީ ހެނދުނު 10:55 އެހާކަށްހާއިރުގައެވެ.
އަލިފާންގަނޑު މިހާރު އެމްއެންޑީއެފުން ކޮންޓްރޯލް ކޮށްފައިވާއިރު އިންޖީނގޭގެ %50 ވަނީ އަނދާ ހުލިވެފައެވެ. ސްޓެލްކޯއިން ބުނެފައިވަނީ މި އަލިފާންގަނޑު ރޯވެފައިވަނީ ފިއުލް ޝެޑެއްގައި ރޯވުމުގެ ސަބަބުން ކަމަށެވެ.
އުކުޅަހު އިންޖީނުގޭގައި ޖުމުލަ ތިން ޖަނެރޭޓަރު ބޭނުންކުރަމުންދާއިރު ރޯވުމުގެ ސަބަބުން އޭގެ ތެރެއިން އެއް ޖަނެރޭޓަރަށް ވަނީ ގެއްލުންވެފައެވެ. ސްޓެލްކޯއިން ވަނީ ބާކީ ހުރި ދެ ޖަނެރޭޓަރުން ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
މިހާދިސާގައި ތިން މީހަކަށް ވަނީ އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދީފައެވެ. ފުލުހުން ބުނެފައިވަނީ އޭގެ ތެރެއިން އެކަކަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށާއި އަނެއް ދެމީހުނަށް އަނިޔާވެފައިވަނީ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ތިން މީހުންގެ ހާލުވެސް ސްޓޭބަލް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.