Last Updated: June 16, 20:09
Tuesday, June 16, 2026
ކުޅިވަރު

ވެސްޓް ހެމްގެ ކޯޗަކަށް މޮޔޭސް

އިނގިރޭސި ކުލަބު ވެސްޓް ހެމް ޔުނައިޓެޑުގެ ކޯޗުކަމުން ސްޓީވެން ބިލިކް ވަކިކުރުމަށްފަހު އާ ކޯޗަކަށް މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަންގެ ކުރީގެ ކޯޗު ޑޭވިޑް މޮޔޭސް ހަމަޖައްސައިފިއެވެ.

ކުލަބުގެ ބޯޑުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ބިލިކްގެ މަގާމުން ދުރުކުރުމަށް ނިންމައި އޭނާގެ ބަދަލުގައި ޑޭވިޑް މޮޔެސް އައްޔަން ކުރުމަށް ވަނީ ނިންމާފައެވެ.

ވެސްޓް ހެމްއާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-4 އިން ވެސްޓް ހެމް ބަލިވެ ތާވަލުގެ 18 ވަނައަށް ވަނީ ވެއްޓިފައެވެ. މިދިޔަ ސީޒަނުގައިވެސް ރެލިގޭޝަނާއި ހަނގުރާމަ ކުރުމަށްފަހު އަނެއްކާވެސް ރެލިގޭޝަން ޒޯނަށް ވެއްޓުމުން ބޯޑުން ވަނީ ބިލިކް މަގާމުން ދުރުކޮށްފައެވެ.

ނަމަވެސް އޭނާގެ ބަދަލުގައި މޮޔެސް ހަމަޖެއްސުމުން ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ފާއިތުވެދިޔަ ހަތަރު އަހަރުގައި މޮޔެސް ވަނީ އޭނާ ހަވާލުވި ހުރިހާ ކުލަބަކުން ފެއިލް ވެފައެވެ.

މެންޗެސްޓާ ޔުނައިޓެޑުން ވަކިކުރުމަށްފަހު ސްޕެއިންގެ ރެއާލް ސޮސީޑާޑާ ހަވާލުވުމަށްފަހު އެކުލަބުންވެސް ވަނީ މޮޔެސް ވަކިކޮށްފައެވެ. އެއަށްފަހު މިދިޔަ ސީޒަނުގައި ސަންޑަލޭންޑުގެ މެނޭޖަރުކަމާއި ހަވާލުވުމަށްފަހު ސަންޑަލޭންޑު ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓު ވެފައެވެ. މޮޔެސް ވަނީ ރެލިގޭޓު ވުމުން އިސްތިއުފާ ދީފައެވެ.